މާލޭ ސަރަހައްދުގައި ދެ ޕާކިން ބިލްޑިން ހެދުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓު ސިލްސިލާގެ ހަތަރުވަނަ އެޕިސޯޑުގައި ރައީސް "ވަން" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މާލޭގެ ތޮއްޖެހުމާއި ވެހިކަލްތަކުގެ މައްސަލައަކީ ވަގުތީ ހައްލެއް ގެނެސްގެން ނިމޭނެކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ޓްރެފިކް މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން ކަމަށާއި، އެ މަސައްކަތް އެއްކޮށް ނިންމައި މިއަންނަ ހަފުތާ ތެރޭގައި އާންމުންނަށް ހުޅުވާލާނެކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު މާޅޭގެ އެތެރޭގެ މަގުތަކުގައި ޓްރެފިކް ތޮއްޖެހުން ވަރަށް ބޮޑަށް ހައްލުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕާކިން ބިލްޑިންގްތައް ހެދުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރަން ނިންމީ ބޭރުގެ އެހީގައި ކަމަށެވެ. އެހެންވެ، އެ މަސައްކަތް ކޮންމެވެސް ވަރަކަށް ލަސްވެފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ މިއަހަރުގެ ތެރޭގައި ދެ ޕާކިން ބިލްޑިންގެއްގެ މަސައްކަތް ފަށާނެ ކަމަށެވެ. އެ ދެ ޕާކިން ބިލްޑިންގް ހަދާނީ ސަރުކާރުގެ ހަރަދުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިހާރުވެސް ދެތިން ޕާކިން ބިލްޑިން ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ ޕާކިން ބިލްޑިންތަކާ އަދި އަލަށް އިމާރަތްކޮށް ނިންމާ ޕާކިން ބިލްޑިންތަކުގެ ސަބަބުން އުޅަނދުތައް ޕާކުކުރުމަށް ދިމާވާ ދަތިކަމަށް ހައްލުތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ޕާކިންއަށް ހާއްސަ ޖާގައެއް ހަދާފައިވާނެ ކަމަށާއި، އެހެންކަމުން މި މައްސަލައަށް ކުރިއަށް އޮތް ތަނުގައި ލުއިތަކެއް ލިބޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް