މެދުއިރުމަތީގެ ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސައުދީ އަރަބިއްޔާގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި އެ ގައުމަށް 1.96 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުއްދަދީފިއެވެ.
މި މުއާމަލާތުގެ ދަށުން ސައުދީއަށް 20،000 'އެޑްވާންސްޑް ޕްރިސިޝަން ކިލް ވެޕަން ސިސްޓަމްސް' (އޭޕީކޭޑަބްލިޔުއެސް) އާއި އޭގެ އާލާތްތައް ފޯރުކޮށްދޭނެ ކަމަށް ހަބަރުތައް ބުނެއެވެ. ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ހަތިޔާރުތައް ވިއްކުމުގެ މައިގަނޑު މަގުސަދަކީ ގަލްފު ސަރަހައްދުގެ ސިޔާސީ އަދި އިގުތިސޯދީ ހަމަޖެހުމަށް މުހިންމު ދައުރެއް އަދާކުރާ، ނޭޓޯގައި ނުހިމެނޭ ޔޫއެސްގެ ބައިވެރިއެއްގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމެވެ. މިކަމުގެ ސަބަބުން ޔޫއެސްގެ ދިފާއީ ގާބިލުކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ޕެންޓަގަންއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
މި އޭޕީކޭޑަބްލިޔުއެސް ހަތިޔާރުތައް ސައުދީއަށް ވިއްކަން ނިންމާފައިމިވަނީ، ޔަމަނުގައި ހަރަކާތްތެރިވާ އީރާނުގެ މަދަދު ލިބޭ ހޫތީން، ސައުދީގެ ދެކުނުގައި އޮންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ދާދި ފަހުން މިސައިލް ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. ޔޫއެސްގެ އޮފިޝަލުން ބުނާގޮތުގައި، ވައިގެ މަގުންނާއި އެއްގަމުން ދޭ ހަމަލާތަކުން ދިފާއުވުމުގެ ގާބިލުކަން މި ނިޒާމުގެ ސަބަބުން ސައުދީއަށް ލިބިގެންދާނެއެވެ.
ނަމަވެސް، މި މުއާމަލާތާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ޔޫއެސް ކޮންގްރެސްގެ ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި އާންމުންނަށް ލިބެމުންދާ ގެއްލުންތައް އިތުރުވުމުގެ ބިރު އެބައޮތެވެ. އަދި ސައުދީގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަކީ މުޅި ސަރަހައްދު އިތުރު ހަނގުރާމައަކަށް ހުށަހެޅިދާނެ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެއެވެ.
މި ހަތިޔާރު ވިއްކުމުގެ އެއްބަސްވުމުގެ މައި ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ޔޫއެސްގެ ބީއޭއީ ސިސްޓަމްސް ކުންފުނިންނެވެ. ސްޓޭޓް ޑިޕާޓްމަންޓުން މިހާރު ވަނީ މި މުއާމަލާތުގެ މައުލޫމާތު ރަސްމީކޮށް ކޮންގްރެސްއަށް ހުށަހަޅާފައެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް