ދިވެހި ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު 250 އަށްވުރެ ގިނަ ސިފައިން މިއަދު ހުވާ ކޮށްފިއެވެ.
އަލަށް ހިދުމަތާ ގުޅުނު ސިފައިން ހުވާ ކުރުން ކުރިއަށް ގެންގޮސްފައިވަނީ ގިރިފުށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ސިފައިންގެ 72 ވަނަ އަދި 73 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި ދަރިވަރުންނެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ރަސްމިއްޔާތުގައި ރައީސް ވަނީ ތަމްރީނު ނިންމި ދަރިވަރުންނާ ބަޑި ހަވާލުކޮށްދެއްވާފައެވެ.
އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފަހަރު ސިފައިންގެ ހުވާކުރި 255 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 72 ވަނަ އަސާސީ ތަމްރީނު ކޯހުގެ 138 ދަރިވަރުންނާއި 73 ވަނަ ކޯހުގެ 117 ދަރިވަރުންނެވެ. އެ ދަރިވަރުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން އެ ދެ ކޯސްވެސް ކުރިއަށް ގެންގޮސްފައިވަނީ މިއަހަރުގެ މާޗު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށެވެ. މީގެ ތެރެއިން 72 ވަނަ ބެޗުގެ ތަމްރީނުތައް އައްޑޫ ޓްރެއިނިން ސެންޓަރުގައި ކުރިއަށްގެންދިޔައިރު، 73 ވަނަ ބެޗުގެ ތަމްރީނުތައް ބާއްވާފައިވަނީ ގިރިފުށި ޓްރެއިނިން ސެންޓަރުގައެވެ.
ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ ފަރާތްތަކަށް ބޭނުންވާ އަސްކަރީ އިލްމާއި ހުނަރު އުނގަންނައިދިނުމުގެ ތަމްރީނެކެވެ. އެ ތަމްރީނުގެ މަގުސަދަކީ ގައުމިއްޔަތަށް ލޯބިކުރާ، އަހްލާގީ ގޮތުން ރަނގަޅު، އަމުރަށް ކިޔަމަންތެރިވާ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިފައިންތަކެއް ބިނާކުރުމެވެ.
މުހައްމަދު އިޝާން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
ކޮމެންޓް