އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމަށް "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި އާ ސަރުކާރު ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ކުންފުނި އުފެއްދީ އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލަކަށް ހަންކެޑެ ތަރައްގީކޮށް، އައްޑޫގެ ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ފުޅާކުރުމުގެ ބޭނުމުގައި ކަމަށެވެ. ރައީސް އޮފީހުން ބުނީ އެ މަޝްރޫއުގެ ސަބަބުން ލިބޭ އިގްތިސޯދީ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަކީވެސް އެ ކުންފުނި އުފެއްދި މަގުސަދެއް ކަމަށެވެ.

ހަންކެޑެ ތަރައްގީކުރުމަކީ ފާއިތުވި ގިނަ ސަރުކާރުތަކަކުން ވައުދުވެފައިވާ ކަމެއް ނަމަވެސް، މިހާތަނަށް އެކަން އޮތީ އަމަލީ ގޮތުން ކުރިއަށް ނުގޮސް ހުއްޓިފައެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 2023 ވަނަ އަހަރުގެ ކުރީކޮޅު އެ މަޝްރޫއު އިއުލާންކުރި ނަމަވެސް، ދައުރު ނިމުނުއިރު އެއްވެސް މަސައްކަތެއް ފެށިފައި ނުވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ހަންކެޑެ ތަރައްގީކުރުމުގެ ސިޔާސަތަށް ދެ ފަހަރަކު ބަދަލު ގެނެސްފައިވެއެވެ. ފުރަތަމަ ހަލާލް ޓޫރިޒަމަށް ތަރައްގީކުރަން ނިންމުމަށްފަހު، ފަހުން ޓޫރިޒަމް މިނިސްޓްރީން ވަނީ އެތަން އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައެވެ.

ރައީސް އޮފީހުން ބުނީ އާ ކުންފުނި އުފެއްދުމާއެކު، ހަންކެޑެ މަޝްރޫއަށް ކަނޑައަޅާފައިވާ އިގްތިސޯދީ ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަސައްކަތް އެ ކުންފުނިން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދާނެ ކަމަށެވެ،