މިދިޔަ މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ އަދި ބޭނުންކުރެވޭ ރިޒާވް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖޫން މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 686.8 މިލިއަން އެމެރިކާ ޑޮލަރަށް ދަށްވެފައެވެ. މިއީ އޭގެ ކުރީ މަހާ އަޅައި ބަލާއިރު 18 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހާ އަޅައި ބަލާއިރު މިއީ 145.6 މިލިއަން ޑޮލަރު ނުވަތަ 17.5 ޕަސެންޓުގެ ދަށްވުމެކެވެ.

ޖުމްލަ ރިޒާވާ އެކު، ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބަލް ރިޒާވް ވެސް ވަނީ 248.9 މިލިއަން ޑޮލަރަށް ދަށްވެފައެވެ. މިއީ މޭ މަހާ އަޅައި ބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާއިރު، މިދިޔަ އަހަރުގެ ޖޫން މަހުގެ 203 މިލިއަން ޑޮލަރާ އަޅައި ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ޔޫސަބަލް ރިޒާވް ވަނީ 23 ޕަސެންޓުގެ ކުރިއެރުމެއް ހޯދައިފައެވެ.

މި އަހަރުގެ މެއި މަހާ އަޅައި ބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރި ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި ބޭންކިން ނިޒާމަށާއި މުދާ އިމްޕޯޓުކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ޑިމާންޑް ބޮޑުވުން ހިމެނެއެވެ.

އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި، މި ޑިމާންޑް ފުއްދުމަށްޓަކައި އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅައި ބަލާއިރު 43 ޕަސެންޓު ވަނީ އިތުރުވެފައެވެ. މިއީ ރިޒާވަށް ބާރުބޮޑުވި މައިގަނޑު އެއް ސަބަބެވެ.

މި އަހަރުގެ މާޗް މަހު 1,331.8 މިލިއަން ޑޮލަރުގައި ހުރި ރިޒާވް، މިހާރު 686.8 މިލިއަން ޑޮލަރަށް ވެއްޓިފައިވާ އިރު، މީގެ އެންމެ ބޮޑު ހިއްސާއެއް ވަނީ އޭޕްރީލް މަހު ދެއްކި ދަރަނިތަކުގެ ސަބަބުންނެވެ. އެގޮތުން އޭޕްރީލް މަހު ކުރީގެ ސަރުކާރުން ނަގާފައިވާ 524.68 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދައްކައި ވަނީ ހަލާސްކޮށްފައިވެއެވެ.

މި ދަރަނި އަދާކޮށްފައި ވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ވެސް އޭޕްރީލް މަހުގެ ތެރޭގައި އަނބުރާ ދައްކާފައިވެއެވެ. މިފަދަ ބޮޑެތި ދަރަނިތައް އަދާކުރުމަކީ ރިޒާވްގެ މިންވަރަށް މި އަހަރުގެ ތެރޭގައި ބޮޑު ބަދަލެއް އައިސްފައިވާ މައިގަނޑު ސަބަބެވެ.