ކެންސަރު ބަލީގެ ފަރުވާއަށް ފަހު، މަޝްހޫރު އެކްޓަރު ސޮނާލީ ބެންޑްރޭ ދުވާލަކު 18 ގަޑިއިރާއި 20 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނުކައި ހުންނަ ކަމަށް ބުނުމާ ގުޅިގެން، އެކަމަށް ސަމާލުވުމަށް ޑޮކްޓަރުން އިލްތިމާސްކޮށްފިއެވެ.
2018 ވަނަ އަހަރު ސްޓޭޖް ހަތަރެއްގެ ކެންސަރު ޖެހިފައިވާކަން އެނގުނު ސޮނާލީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، އޭނާގެ ސިއްހަތު ރަނގަޅުކުރުމަށްޓަކައި އިންޓަމިޓެންޓް ފާސްޓިން (ވަކި ގަޑިތަކެއްގައި ނުކައި ހުރުން) އަދި "އޮޓޯފެޖީ" ގެ އެހީތެރިކަން ހޯދައެވެ. އޭނާ ބުނީ ދުވާލަކު ކަނީ އެއްފަހަރު ނުވަތަ ދެފަހަރު ކަމަށެވެ.
އޮޓޯފެޖީއަކީ ހަށިގަނޑުގެ ސެލްތަކުގައި ހުންނަ ހަލާކުވެފައިވާ ބައިތައް ނައްތާލައި، ސެލްތައް އާކުރުމަށް ހަށިގަނޑު އަމިއްލައަށް ކުރާ މަސައްކަތެކެވެ. މިއީ ގިނަ ވަގުތު ނުކައި ހުރުމުން ހަށިގަނޑުގައި ހިނގާ ކަމެކެވެ. ސޮނާލީގެ މި ވާހަކަތަކާ ގުޅިގެން ސިއްހީ މާހިރުން ވިދާޅުވި ގޮތުގައި، ދިރިއުޅުމުގެ އާދަތަކަށް ގެންނަ މިފަދަ ބަދަލުތަކަކީ އާންމު ސިއްހަތަށް ފައިދާހުރި ކަމަކަށް ވިޔަސް، މިއީ ކެންސަރު ބައްޔަށް އޮތް ސިއްހީ ފަރުވާއެއް ނޫނެވެ.
އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދެއްވަމުން ޑޮކްޓަރުން ފާހަގަކުރެއްވި ގޮތުގައި، ކެންސަރު ބަލިން ސަލާމަތްވެފައިވާ މީހުންނާއި ބައްޔަށް ފަރުވާ ހޯދާ މީހުން، ޑޮކްޓަރުންގެ ލަފާގެ މަތިން ނޫނީ މިފަދަ ކަންކަން ކުރުމަކީ ނުރައްކާތެރި ކަމެކެވެ. އަދި މަޝްހޫރު މީހުން ކުރާ ކަންކަމަކީ ކްލިނިކަލް ފަރުވާއެއްގެ ގޮތުގައި ދެކިގެން އާންމުން އެކަންކަން ކޮޕީކުރުމަކީ ގެއްލުންވެދާނެ ކަމެއް ކަމަށް ވެސް ޑޮކްޓަރުން އިންޒާރުދެއްވިއެވެ. ހާއްސަކޮށް، ގިނަ ވަގުތު ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބި، މަސްތައް ވިރި، ހަށިގަނޑު ބަލިކަށިވުމުގެ ފުރުސަތު އޮންނަ ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެންކަމުން، ކެންސަރު ބަލީގެ މީހުން ކެއިންބުއިމުގެ އާދަތަކަށް ބަދަލު ގެންނަންވާނީ ކަމާބެހޭ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ކަމަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ.
ކެންސަރު
ކެންސަރު
ކެންސަރު
ކެންސަރު
ކޮމެންޓް