ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި ގައުމުގެ އިގުތިސާދަށް ކުރާނެ ކަމެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި "ޔޫތު އެންޓަޕްރިނާސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، ފަހަކަށް އައިސް ހަބަރު ފަތުރާ ވަސީލަތްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ބޭންކާ މެދު ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާ ކަމަށެވެ.

އެގޮތުން ބޭންކުގައި ޑޮލަރު ނެތް ކަމަށާއި، ބޭންކު ޕްރޮފެޝަނަލްކޮށް ނުހިންގާ ކަމަށާއި، އަދި ކޮންޓްރެކްޓަރުންނަށް ލޯނު ދޫކޮށްގެން ނުވާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ޝަރީފް ވަނީ ރައްދު ދެއްވާފައެވެ.

ޝަރީފް ފާހަގަކުރެއްވި ގޮތުގައި މިފަދަ ދޮގު ވާހަކަތައް ދައްކައިގެން ބޭންކުގައި ޑޮލަރު ނެތް ކަމުގެ ތަސައްވުރެއް އުފެއްދުމުގެ އަސްލު ބޭނުމަކީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުމެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމަށްވާއިރު، ބޭންކާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުން އިގުތިސާދަށް ފޫނުބެދޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

"ކޮންމެ މަގުސަދެއްގައި ކަމުގައި ވީ ނަމަވެސް މި ބޭންކާ މެދު ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް އަޅުގަނޑު އެދެން،" ޝަރީފް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބީއެމްއެލުން ވަނީ މުހިންމު ކުރިއެރުންތަކެއް ވެސް އިއުލާނުކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ހަތް ރަށެއްގައި ބީއެމްއެލްގެ އާ ބްރާންޗުތައް ހުޅުވިއިރު، ޒުވާން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން އާ ފައިނޭންސިން ފެސިލިޓީއެއް ވަނީ ތައާރަފްކޮށްފައެވެ.

މީގެ އިތުރުން، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ބޭންކުގެ ޑިޖިޓަލް ވޮލެޓް 'ސުވައިޕް' މެދުވެރިކޮށް ރާއްޖޭން ބޭރުން ފައިސާ ގެނެވޭނެ ހިދުމަތް ވެސް މިއަދު ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފައެވެ.