އިސްލާމިިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން އާ ތިން ކޯސް ތައާރަފްކޮށް، ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކޯސްތަކާ ގުޅޭ މައުލޫމާތު ދެއްވީ، ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖުމަންޓް ސްޓަޑީޒްގެ ޑީން ޑރ. މުހައްމަދު ޒާހިރުއާއި، ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނަގެ ޑީން މުހައްމަދު މަންސޫރުއާއި، އެކަޑަމިކް އެފެއާޒްގެ ޑެޕިއުޓީ ވައިސް ޗާންސެލާ ޑރ. އާއިޝަތު ވަހީދު އަދި ވައިސް ޗާންސެލާ ޑރ. އަލީ ޒާހިރުއެވެ.
އައިޔޫއެމްއިން އަލަށް ތައާރަފްކުރި ތިން ކޯހަކީ މާސްޓާސް އޮފް ސައިންސް އިން އިސްލާމިކް ބޭންކް އިން ފައިނޭސިންއާއި، މާސްޓާސް އޮފް ސައިންސް އިން އިންފޯމޭޝަން ސިސްޓަމްސް އެންޑް ޑާޓާ ސައިން އަދި އެޑްވާންސް ސެޓްފިކޭޓް އިން ސުންނަ ސްޓަޑީޒްއެވެ.
މި ތިން ކޯހުގައިވެސް ބައިވެރި ވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާފައިވާކަމަށް އައިޔޫއެމްއިން ބުންޏެވެ. ކޯސްތައް ކުރިޔަށްގެންދަން ނިންމާފައިވަނީ ދުވާލުގެ ވަގުތުތަކުގައި އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ދަތި ނުވާނެ ގޮތަކަށް ހަވީރު އަދި ރޭގަނޑުގެ ވަގުތުގައެވެ. ކޮންމެ ކޯހެއްގައިވެސް 20 ފުރުސަތު ހުޅުވާލާފައިވާނެ ކަމަށާއި ނަމަވެސް ޓެސްޓު ހަދަން ކުލިއްޔާއަށް ހާޒިރުވާންޖެހޭނެ ކަމަށް އައިޔޫއެމްއިން ބުންޏެވެ.
އޭގެ އިތުރުން އެޑްވާންސް ސެޓްފިކޭޓް އިން ސުންނަ ސްޓަޑީޒް ކޯހުގައި ބައިވެރިވާ ބައިވެރިން އޮންލައިންކޮށް ބައިވެރިވާ ނަމަ، ގިނަ ފަރާތްތަކަށް އެއް ފަހަރާ ކްލާސްތައް ކުރިޔަށްގެންދަން ނިންމާފައިވާކަމަށް، ވަގުތީ ގޮތުން ކުއްލިއްޔާ އޮފް އިސްލާމިކް ސުންނާ ޑިޕާޓްމަންޓްގެ ހިންގުމާ ހަވާވެހުންނެވި ހެޑް ޑރ. އިސްމާއިލް ރިޔާޒް "ވަން"އަށް ވިދާޅުވިއެވެ.
"މިއީ ރާއްޖޭގައި ސުންނަތުގެ ދާއިރާއިިން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް އެކަމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޔުނިވާސިޓީގެ ފަރާތުން ތައާރަފްކުރާ ކޯހެއް. މި ކޯހުގައި އުނގަނައިދޭނީ ރަސޫލާ(ޞ)ގެ ސުންނަތާ ގުޅޭ އެކިއެކި މާއްދާތަކުން. އެގޮތުން އެކަލޭގެފާނުގެ ސިޔަރަތު، ސުންނަތާ ގުޅުންހުރި އެކި ފޮތްތަކާއި އެ ފޮތްތަކަށް މައުލޫމާތު އައިސްފައިވާގޮތާއި އަދި ސުންނަތާ ގުޅޭ ކަންކަމުގައި އަމަލުކުރާގެ ގޮތާއި، ސުންނަތާ ޑީލްކުރާނެ ގޮތާއި ސުންނަތް ދިފާއުކުރާނެ ގޮތާއި ހަމައެގޮތުން ސުންނަތް ކިޔަވާއިރު އެހީއެއްގެ ގޮތުން އަރަބި ބަސްވެސް އުނގަންނައިދިނުމަށް ނިންމާފައި،" ރިޔާޒް ވިދާޅުވިއެވެ.
ފޭސްޓުފޭސް ކޯސް ކުރިޔަށްގެންދަން ނިންމާފައިވަނީ އައިޔޫއެމްގެ މެއިން ކެމްޕަސްގައެވެ. ކޯހުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި އޯލެވެލްގެ ތިން ފާސް އޮންނަންޖެހެއެވެ.
އެ ރަސްމިއްޔާތުގައި ޑރ. އާއިޝަތު ވަހީދު ވިދާޅުވީ، މާލޭގައި ހުންނަ އައިޔޫއެމް މެއިން ކެމްޕަސްގެ އިތުރުން، ޅ. ނައިފަރު، ވ. ތިނަދޫ، ތިނަދޫ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ މީދޫ އަދި އައްޑޫ މަރަދޫ ފޭދޫ ކެމްޕަސްތަކުގައި ކޯސްތައް ކުރިޔަށްގެންދަން ނިންމާފައިވާ ކަމަށެވެ.
ކޯސްތަކުގައި ބައިވެރިވުމަށް ފުރިހަމަ ކޮށްފައިވާ ކޯހަށް އެދޭ ފޯމާއެކު އައިޑީކާޑުގެ ސާފު ކޮޕީއަކާއި ޕާސްޕޯޓް ސައި ފޮޓޯ ހުށަހަޅަންޖެެހެއެވެ. އޭގެ އިތުރުން އައިޔޫއެމްގެ އީމެއިލްއަށް މެއިލްކޮށްގެންނާއި އެ ތަނުގެ ހޮޓްލައިން ނަމްބަރު 1405 އާ ގުޅާލުމުން ކޯސްތަކާ ގުޅުންހުރި އިތުރު މައުލޫމާތު ލިބޭނެކަމަށް އިސްލާމިކް ޔުނިވާސިޓީން ބުންޏެވެ. މި ކޯސްތަކަށް ފޯމް ހުށަހެޅޭ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހެވެ.
ފާތިމަތު ލިއުޝާ
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް)
ކޮމެންޓް