ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން، 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ވިޔަފާރިތައް ފެށުމަށާއި ފުޅާކުރުމަށް މަގުފަހިކޮށްދޭ "ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން" ތައާރަފުކޮށްފިއެވެ.

މިއަދު ބޭއްވި "ޔޫތު އޮންޓްރަޕްރިނާސް އެކްސްޕޯ" ގައި މި ފައިނޭންސިން ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

ބީއެމްއެލުން ބުނި ގޮތުގައި މި ފެސިލިޓީއަކީ ޒުވާން ވިޔަފާރިވެރިންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ހާއްސަ ސްކީމެއް ކަމަށެވެ. މީގެ މައިގަނޑު މަގުސަދަކީ އެއްވެސް ރަހުނަކާ ނުވަތަ އިކުއިޓީއަކާ ނުލައި ވިޔަފާރި ފެށުމަށް ބޭނުންވާ ރައުސްމާލު ފަސޭހައިން ހޯދައިދިނުން ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލުން ބުނީ މި ފެސިލިޓީގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ ކަމަށެވެ. އަދި އަހަރަކު ހަތް ޕަސަންޓުގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ އެންމެ ހާއްސަ އެއް ސިފައަކީ 24 ގަޑިއިރު ތެރޭގައި ލޯނު ޕްރޮސެސްކޮށް ނިންމައިދިނުން ކަމަށް ބީއެމްއެލުން ބުންޏެވެ.

ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ކަނޑައެޅިފައިވާ އިރު، ފުރަތަމަ ހަ މަސް ދުވަސް ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ލިބިގެންދާނެއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށާއި އެއް ބިލިއަން ރުފިޔާގެ މި ސްކީމްގެ ސަބަބުން ޒުވާނުންގެ ހިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ފާހަގަކުރެއްވި ގޮތުގައި، މި ސްކީމުގެ ސަބަބުން ވިޔަފާރި ފެށުމުގައި ހުރި ގޮންޖެހުންތައް ކުޑަވެ، އައު ޖީލުގެ ވިޔަފާރިވެރިންނަށް އިތުބާރާއެކު ކުރިއަށް ދިއުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.