އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މުވައްޒަފުންގެ މަސައްކަތް ވަޒަންކޮށް، ޗުއްޓީގައި ތިބި މުވައްޒަފުންނަށް އަމާޒުކޮށް ވަޒީފާއިން ވަކިކުރި ކަމަށް ބުނެ، ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާއާ ދެކޮޅަށް އެ ކުންފުނީގެ 26 މުވައްޒަފަކު އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. ކެލިފޯނިއާގެ އޯކްލޭންޑްގައި ހުންނަ ފެޑެރަލް ކޯޓަށް މި މައްސަލަ ހުށަހަޅާފައިވަނީ ހޯމަ ދުވަހުއެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ދައުވާކުރާ ފަރާތްތަކުން ބުނެފައިވަނީ މެޓާއިން މުވައްޒަފުން ވަކިކުރުމަށް ނިންމީ މެނޭޖަރުންގެ ނިންމުންތަކުގެ މައްޗަށް ބިނާކޮށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މުވައްޒަފުންގެ މަސައްކަތް ވަޒަންކުރުމަށް މެޓާއިން ބޭނުންކުރީ "މެޓަމޭޓް" ފަދަ އެތެރޭގެ އޭއައި ނިޒާމުތަކާއި، ކީސްޓްރޯކް އަދި މައުސް ހަރަކާތްތައް މޮނިޓަކުރާ ޑޭޓާ ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.
މި ނިޒާމުތަކުން މުވައްޒަފުންނަށް މާކްސް ދީފައިވަނީ މެޑިކަލް އަދި އާއިލީ ޗުއްޓީގައި ތިބި މުވައްޒަފުންގެ ހާލަތަށް ރިއާޔަތްކުރުމެއް ނެތިކަމަށް ދައުވާގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ގާނޫނީ ގޮތުން ލިބިދޭ ޗުއްޓީ ނެގި މުވައްޒަފުންގެ އުފެއްދުންތެރިކަން ދަށް ކަމަށް އޭއައި ނިޒާމުތަކަށް ދައްކައި، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހޭ މީހުންގެ ލިސްޓަށް އަރާފައިވާ ކަމަށް މުވައްޒަފުން ބުނެފައިވެއެވެ. މިއީ އެމެރިކާގެ ފެމިލީ އެންޑް މެޑިކަލް ލީވް އެކްޓާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށް ވެސް ދައުވާގައި ބުނެފައިވެއެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި މެޓާއިން ވަނީ އެ ކުންފުނީގެ އަށްހާހެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމަށް އިއުލާނުކޮށްފައެވެ. މިއީ އެ ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ ދިހަ އިންސައްތައެވެ. މި ތުހުމަތުތަކާ ގުޅިގެން މެޓާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، މުވައްޒަފުން ވަކިކުރުމުގެ ނިންމުންތަކަކީ އޭއައި ބޭނުންކޮށްގެން ނިންމާފައިވާ ނިންމުންތަކެއް ނޫނެވެ. އަދި އެއީ އިންސާނުން އަމިއްލައަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ހުށަހެޅި 26 މުވައްޒަފުންނަކީ ވެސް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސިއްހީ ނުވަތަ އާއިލީ ޗުއްޓީ ނަގާފައިވާ މީހުންނެވެ. ވަޒީފާއިން ވަކިކުރާނެކަން އެ މުވައްޒަފުންނަށް އަންގާފައިވީ ނަމަވެސް، އެ މީހުން ވަޒީފާއިން ރަސްމީކޮށް ވަކިވާނީ ޖުލައި 22 ގައެވެ. އެހެންކަމުން، އެ މުވައްޒަފުން ކޯޓުގައި އެދިފައިވަނީ މައްސަލަ ނިމެންދެން ވަޒީފާއިން ވަކިކުރުން ހުއްޓުވައިދިނުމަށެވެ.
މެޓާ
މެޓާ
މެޓާ
މެޓާ
ކޮމެންޓް