އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ ކުރީސަފުގައި ހަރަކާތްތެރިވާ އޯޕަންއޭއައި ކުންފުނިން، އެ ކުންފުނީގެ ފުރަތަމަ ހާޑްވެއަރ އުފެއްދުމުގެ ގޮތުން ސްކްރީނެއް ނުހިމެނޭ ޕޯޓަބަލް ސްމާޓް ސްޕީކަރެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. ބްލޫމްބަރގް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ގޭތެރޭގައި ބޭނުންކުރެވޭނެ އިންސާނަކާ އެއްފަދަ އޭއައި ބައިވެރިއެއްގެ ގޮތުގައި ފަރުމާކުރަމުން އަންނަ އުފެއްދުމެކެވެ.

މި ޑިވައިސް އުފައްދަނީ އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން އާއި އެޕަލް ކުންފުނީގެ ކުރީގެ ޑިޒައިން ވެރިޔާ ޖޮނީ އައިވް ގުޅިގެން ކަމަށް ހަބަރުތައް ބުނެއެވެ. މި މަސައްކަތަށްޓަކައި އޯޕަންއޭއައި އިން ވަނީ މިދިޔަ އަހަރު 6.5 ބިލިއަން ޑޮލަރަށް ޖޮނީ އައިވްގެ ހާޑްވެއަރ ސްޓާޓްއަޕް ގަނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން، ޗާޖުކުރެވޭ ބެޓެރިއެއް ހިމެނޭ މި ސްޕީކަރުގައި ކެމެރާއާއި ތިމާވެށީގެ ހާލަތު ދެނެގަންނަ ސެންސަރުތަކުގެ އިތުރުން އަމިއްލައަށް ހަރަކާތްކުރެވޭ ބައިތަކެއް ހިމެނޭނެއެވެ. އަދި ޗެޓްޖީޕީޓީ މެދުވެރިކޮށް ގޭތެރޭގެ ސްމާޓް އާލާތްތައް ކޮންޓްރޯލްކުރުމާއި، މެސެޖުތަކަށް ޖަވާބުދިނުމުގެ ގާބިލުކަން މި ޑިވައިސްއަށް ލިބިގެންވެއެވެ.

އޯޕަންއޭއައި އިން ހާޑްވެއަރ މާކެޓަށް ވަންނަން މަސައްކަތްކުރަނީ، އެޕަލް، ގޫގުލް އަދި މައިކްރޯސޮފްޓް ފަދަ ކުންފުނިތަކުގެ ޑިވައިސްތަކަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުންނެވެ. ޓެކްސްޕޮނެންޝަލްގެ ލީޑް އެނަލިސްޓް އޭވީ ގްރީންގާޓް ވިދާޅުވި ގޮތުގައި، މިހާރު ހުރި ވޮއިސް އެސިސްޓެންޓްތައް ހުރީ ވަކި އީކޯސިސްޓަމްތަކެއްގެ ތެރޭގައި ތާށިވެފައެވެ. ނަމަވެސް އޯޕަންއޭއައި އިން މަސައްކަތްކުރަނީ ޗެޓްޖީޕީޓީއަށް އެނގޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް މުޅިން އާ އީކޯސިސްޓަމެއް ބިނާކުރުމަށެވެ.

މި ޑިވައިސްގައި ކެމެރާ ހިމެނޭތީ، ގޭތެރޭގެ ޕްރައިވެސީއާ މެދު ކަންބޮޑުވުންތަކެއް ހުރިކަން ބައެއް ތަޖުރިބާކާރުން ފާހަގަކުރެއެވެ. އޯޕަންއޭއައި އިން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ފަހުކޮޅު މި ޑިވައިސް ދައްކާލުމަށްފަހު، ބާޒާރަށް ނެރޭނީ 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުންނެވެ.

މި ޑިވައިސް އުފެއްދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެޕަލް ކުންފުނިން ވަނީ އޯޕަންއޭއައިއާ ދެކޮޅަށް ދައުވާއެއް އުފުލައިފައެވެ. އެޕަލް އިން ތުހުމަތުކުރާ ގޮތުގައި، އޯޕަންއޭއައި އިން ވަނީ އެޕަލްގެ ކުރީގެ މުވައްޒަފުން މެދުވެރިކޮށް އެ ކުންފުނީގެ ސިއްރު މައުލޫމާތުތަކެއް ހޯދައި، މި ހާޑްވެއަރ އުފެއްދުމަށް ބޭނުންކޮށްފައެވެ.