އެމެރިކާގެ ޓެކްނޮލޮޖީގެ ބާރުވެރިކަން ދެމެހެއްޓުމަށާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން ލިބޭ މާލީ މަންފާ އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އެ ގައުމުގެ އޭއައި ކުންފުނިތަކުގައި ސަރުކާރުގެ ހިއްސާ އޮންނަ ގޮތަށް ހަމަޖެއްސުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާކުރައްވަން ފައްޓަވައިފިއެވެ.

ފޯބްސް އަދި ކުއާޓްޒް ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ އޯޕަންއޭއައި އަދި އެންތްރޮޕިކް ފަދަ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާ ވައިޓް ހައުސްގައި ބައްދަލުކުރައްވަން ނިންމަވައިފައެވެ.

އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، މި ސިޔާސަތުގެ ދަށުން އެމެރިކާގެ ރައްޔިތުންނަކީ އޭއައި ކުންފުނިތަކުގެ ބައިވެރިންނަށް ވެގެންދާނެއެވެ. އަދި މީގެ ސަބަބުން އޭއައިގެ ކާމިޔާބީގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްވަރާތަކުގެ ތެރެއިން އެންމެ ބޮޑަށް ބާރުއަޅަނީ އާންމު މުއްސަނދިކަމުގެ ފަންޑެއް ގާއިމުކުރުމަށެވެ. މި ފަންޑުގެ ދަށުން އޭއައި ކުންފުނިތަކުން ސަރުކާރަށް ދޫކުރާ ހިއްސާގެ ފައިދާ، ޑިވިޑެންޑްގެ ގޮތުގައި ސީދާ އެމެރިކާގެ ގޭބިސީތަކަށް ބަހައިލެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އޭއައިގެ ސަބަބުން ވަޒީފާގެ ބާޒާރަށް އަތުވެދާނެ ބަދަލުތަކުން އާންމުން ރައްކާތެރިކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ސިޔާސީ ފަރާތްތަކުން ދެކެއެވެ.

މި ނިންމުމާ ގުޅޭގޮތުން ޓެކްނޮލޮޖީ ދާއިރާގެ ތަޖުރިބާކާރުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ޗައިނާއާ ދެކޮޅަށް އެމެރިކާއިން ކުރާ ޓެކްނޮލޮޖީގެ ވާދަވެރިކަމުގައި ގައުމީ ސަލާމަތަށް މުހިންމު ފިޔަވަޅެކެވެ. ސަބަބަކީ އޭއައިއަކީ މުސްތަގުބަލުގެ އިގުތިސޯދާއި އަސްކަރީ ބާރުވެރިކަމުގެ މައިގަނޑު އަސާސް ކަމަށް ވުމެވެ.

ނަމަވެސް، ބައެއް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ސަރުކާރުން އަމިއްލަ ކުންފުނިތަކުގެ ހިއްސާ ގަތުމަކީ މިނިވަން ވިޔަފާރީގެ އުސޫލުތަކާ ހިލާފު ކަމެކެވެ. މީގެ އިތުރުން، މީގެ ސަބަބުން ކުންފުނިތައް ރެގިއުލޭޓް ކުރުމުގައި މަސްލަހަތު ފުށުއަރައި، ރައްކާތެރިކަމުގެ ގަވާއިދުތައް ތަންފީޒުކުރަން ސަރުކާރުން ފަސްޖެހިދާނެ ކަމުގެ އިންޒާރު ޕަބްލިކް ނޮލެޖް ފަދަ ޖަމާއަތްތަކުން ވަނީ ދީފައެވެ. އަދި މިއީ ކުންފުނިތައް ބަނގުރޫޓުވިޔަ ނުދިނުމަށް ސަރުކާރުން މަޖުބޫރުވާނެ ފަދަ ހާލަތެއް މެދުވެރިކުރުވާނެ ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

މި މަޝްވަރާތައް ކުރިއަށްދާ އިރު، އޯޕަންއޭއައި އަދި އެންތްރޮޕިކް ފަދަ ކުންފުނިތަކުން އަންނަނީ އާންމުކޮށް ހިއްސާ ވިއްކުމަށް ތައްޔާރުވަމުންނެވެ.