އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުނި އޯޕަންއޭއައި އާއި އެޕަލްގެ ކުރީގެ ދެ މުވައްޒަފަކާ ދެކޮޅަށް ކެލިފޯނިއާގެ ފެޑެރަލް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. ފާއިތުވި ހުކުރު ދުވަހު ހުށަހެޅި މި މައްސަލައިގައި އެޕަލްއިން ތުހުމަތުކޮށްފައިވާ ގޮތުގައި، އޯޕަންއޭއައި އިން ވަނީ އެޕަލްގެ ވިޔަފާރީގެ ސިއްރުތަކާއި އިންޓެލެކްޗުއަލް ޕްރޮޕަޓީ ވަގަށް ނަގައި، އޭއައި ހާޑްވެއަރ އުފެއްދުމަށް ބޭނުންކޮށްފައެވެ.
މި ދައުވާގައި ނަން ހިމަނާފައިވާ އެޕަލްގެ ކުރީގެ ދެ މުވައްޒަފުންނަކީ އައިފޯނާއި އެޕަލް ވޮޗްގެ ޕްރޮޑަކްޓް ޑިޒައިންގެ ކުރީގެ ވައިސް ޕްރެސިޑެންޓް ޓޭންގް ޔޫ ޓޭން އާއި ސީނިއަރ ސިސްޓަމް އިލެކްޓްރިކަލް އިންޖިނިއަރ ޗޭންގް ލިއު އެވެ.
އެޕަލްއިން ކޯޓަށް ހުށަހެޅި ލިޔުންތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލިއު ވަނީ ކުންފުނިން ވަކިވުމަށްފަހުވެސް ސިސްޓަމްގެ ބަގެއް ބޭނުންކޮށްގެން އެޕަލްގެ ނެޓްވޯކަށް ވަދެ، ނެރެފައިނުވާ އުފެއްދުންތަކުގެ މައުލޫމާތު ޑައުންލޯޑުކޮށްފައެވެ. އަދި ޓޭން ވަނީ އޯޕަންއޭއައިގެ ވަޒީފާތަކަށް އިންޓަވިއުކުރި އެޕަލްގެ މުވައްޒަފުންނަށް، އިންޓަވިއުއަށް އަންނައިރު އެޕަލްގެ އުފެއްދުންތަކުގެ ބައިތައް ގެނައުމަށް އަންގާފައި ކަމަށްވެސް އެޕަލްއިން ތުހުމަތުކުރެއެވެ.
މިހާރު އޯޕަންއޭއައިގައި އެޕަލްގެ ކުރީގެ 400 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. މި ތުހުމަތުތަކާ ގުޅިގެން އޯޕަންއޭއައިގެ ތަރުޖަމާނު ޑްރޫ ޕުސަޓޭރީ ވިދާޅުވި ގޮތުގައި، އެހެން ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ހޯދުމުގެ އެއްވެސް ޝައުގުވެރިކަމެއް އެ ކުންފުނީގެ ނެތެވެ. އަދި އެ ކުންފުނިން އިސްކަންދެނީ އީޖާދީ ޓެކްނޮލޮޖީ އުފެއްދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނީ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި މައްސަލައިގެ ސަބަބުން އޭއައި ސިނާއަތުގެ ވާދަވެރިކަމަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ކުންފުނިތަކުގެ ޑޭޓާ ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް މިކަމުގެ ސަބަބުން މަޖުބޫރުވާނެ ކަމަށް ބެލެވެއެވެ. އެޕަލްއިން މިހާރު އެދިފައިވަނީ އޯޕަންއޭއައި އިން އެ ކުންފުނީގެ މައުލޫމާތު ބޭނުންކުރުން ހުއްޓުވުމުގެ އަމުރަކަށާއި، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.
މިންހާ ފާއިޒް ރަޝާދު
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް