އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފިއެވެ. މިއަދު ދިން މި ހަމަލާތަކުގައި އީރާނުގެ ކިޝް އައިލެންޑްގައި އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވާއިރު، ބަންދަރު އައްބާސް ސަރަހައްދުން އެމެރިކާގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނިގޮތުގައި، މިއީ ވިދިވިދިގެން އީރާނަށް ހަމަލާދިން ތިންވަނަ ރެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ދެކުނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށެވެ. އޭގެ ތެރޭގައި ބަންދަރު އައްބާސްގައި ހުންނަ ކަނޑުގެ އަސްކަރީ މަރުކަޒަކާއި، ކިޝް އައިލެންޑްގެ އިތުރުން ގޭޝްމް އައިލެންޑް ހިމެނޭކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އީރާނުގެ ނޫރު ނިއުސްއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކިޝް އައިލެންޑްގެ ބަނދަރުގައި އޮތް ތިން ބޯޓެއްގައި ވަނީ އަލިފާން ރޯވެފައެވެ. ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވިކަމުގެ ރަސްމީ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅި ސަރަހައްދުން، ބަންދަރު އައްބާސް މަތިން އުދުހެމުންދިޔަ އެމެރިކާގެ އެމްކިއު-1 މަރުކާގެ ޑްރޯނެއް ވަނީ ވައްޓާލާފައެވެ. އެހެންނަމަވެސް، އެމެރިކާއިން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ސެންޓްކޮމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ހަމަލާތަކުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ ވިޔަފާރި ބޯޓުފަހަރަށް ހަމަލާދިނުމަށް އީރާނަށް އޮތް ގާބިލުކަން ކުޑަކުރުން ކަމަށެވެ. އަދި މި އޮޕަރޭޝަންގައި ފުރަތަމަ ފަހަރަށް ކަނޑުމަތީގައި ދުއްވާ ޑްރޯން ބޭނުންކޮށްފައިވާކަން އެމެރިކާއިން ވަނީ ބުނެފައެވެ.

މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެފައިވާއިރު، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ. އެމެރިކާއިން އީރާނުގެ ބަނދަރުތައް ބްލޮކޭޑް ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އިއުލާނުކޮށްފައިވާއިރު، އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ސަރަހައްދަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެމެރިކާއަށް ނުދޭނެ ކަމަށެވެ.