ރާއްޖޭގެ ރަށްތަކުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމް އަޕްގްރޭޑް އަދި އެކްޓެންޝަންގެ މަސައްކަތްތައްް ކުރަން ޖުމުލަ 3.3 ބިލިޔަން ރުފިޔާ ބޭނުންވާ ކަމަށް އެންވައިރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެންވައިރަމަންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުުގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ އަޖުވަދު މުސްތަފާ ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމްތަކުގެ ތެރޭގައި ބައެއް ނިޒާމުތަކަކަކީ ވަރަށް ދުވަސްވީ ނިޒާމުތަކެއް ކަމަށެެވެ.

"ވީމަ އަޅުގަނޑުމެން ހެދި އެސެސްމަންޓްއެއް. ފައިސާގެ އަދަދުން ކިހާވަރެއްތޯ ބޭނުންވަނީ މިހާރު ހުރި ކަންކަން އަޕްގްރޭޑް ކުރެވި އެކްސްޓޭންޑް ކުރެވި މިކަންކަން ކުރަން. މި އެކްސައިޒްވެސް ހަދަން ކުންފުނިތަކުން ޑޭޓާގެނެސްގެން ބެލިއިރު 3.3 ބިލިޔަން އެބަ ބޭނުންވޭ. މިއީ ގްރޭޓާ މާލެވެސް ހިމެނޭ ގޮތަށް. ޖުމުލަކޮށް، ލަފާކުރެވެނީ މިހާވަރު ބޭނުންވާ ކަމަށް. މިހާރުވެސް އެބަކުރިޔަށްދޭ. އެކިއެކި މަޝްރޫއުތަކުގެ އަޕްގްރޭޑިިން، އެކްސްޓެކްޝަން މަސައްކަތްތައް." ޕާމަނަންޓް ސެކްރެޓެރީ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި 1996 ވަނަ އަހަރު މާލޭގައި ފެނާއި ނަރުދަމާގެ ހިދުމަތްތައް ގާއިމް ކުރެވުނު އިރު، މި ހިދުމަތްތައް ތަރައްގީ ކުރެވިފައި ވަނީ ހަމައެކަނި އެއިރުގެ އާބާދީއަށް ބަލައިގެން ކަމަށެވެ. އެއީ ފެނުގެ ނިޒާމް 60،000 މީހުން އަދި ނަރުދަމާގެ ނިޒާމް 45،000 މީހުންގެ އާބާދީ އަށް ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ކަމަށެވެ.

އޭގެ 29 އަހަރު ފަހުން މިއަދުގެ އާބާދީއަށް ބަލައި، ސެންސަސްގެ ފަހުގެ ޑޭޓާތަކަށް ބަލާއިރު 2،11،000 މީހުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ކަމަށް މުސްތަފާ ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ އާބާދީގެ 41 ޕަސެންޓު ކަމަށްވެފައި، އެންޑްބްލިޔުއެސްސީން ހިދުމަތް ފޯރުކޮށްދެމުން ދަނީ 60.000 މީހުންނަށް ކޭޓާ ކުރެވޭ ވަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެގޮތަށް ނަރުދަމާގެ ނިޒާނުގެ 45.000 އަށް. މިހާރު އޭގެ ތިން ގުނަ މި އަދަދު މައްޗަށް ވަނީ ގޮސްފައި. މާނައަކީ މިހާރު އެބޭފުޅުން އެބަޖެހޭ މި ސިސްޓަމް އަޕްގްރޭޑް ކުރަން. ވަރަށް ބޮޑުތަނުން. އެކަމަށް ވަރަށް ބޮޑު ހޭދައެއް އެބަދޭ." މުސްތަފާ ވިދާޅުވިއެވެ.