ރާއްޖެއާއި އިންޑިއާއާ ދެމެދު ކުރެވެމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތަކުގެ ފުރަތަމަ ބުރު ނިމިފައިވާ ކަމަށާއި އުންމީދަކީ މި އަހަރު ނިމުމުގެ ކުރިން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެވުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މި އަހަރު ނިމުމުގެ ކުރިން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކޮށް އެއަށް އަމަލު ކުރަން ފެށުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތުގެ ދަށުން މިހާރު ވެސް ފުރަތަމަ ބުރުގެ މަޝްވަރާތައް ނިންމައި ލެވިއްޖެ ކަމަށެވެ.

"މީގެ ތެރޭގައި ފުރަތަމަ ރައުންޑް އޮފް ނެގޯޝިއޭޝަން ނިންމާލެވިއްޖެ ކަމަށް މިނިސްޓްރީން ފަންނީ ބޭފުޅުން މައުލޫމާތު ދެއްވަނީ. އޭގެތެރޭގައި 12 ދާއިރާއަކުން 102 ފަރާތަކަށް ދިވެހިރާއްޖޭގެ އަޅުގަނޑު މި ދަންނަވަނީ 65 ޕްރައިވެޓް ފަރާތަކާއި އަޅުގަނޑުމެން މިހާރުވެސް މަޝްވަރާ ކުރެވިގެން ހިދުމަތާއި ގުޑްސް އާއި ޓެކްނިކަލް ބެރިއާސްއާ އިނޮކޮމިކް ކޯޕަރޭޝަންގެ ދާއިރާއިން މަސައްކަތް ކުރަމުން މިދަނީ" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް އިތުރު މާކެޓްތަކަށް ވެސް ރާއްޖެ ހުޅުވެން ޖެހޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން އެކްސްޕޯޓް ކުރެވޭނެ ގޮތްގޮތް ހޯދަންޖެހޭ ކަމަށާއި އިންޑިއާއާ އެކުގައި ގާއިމްކުރަން މަސައްކަތް ކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ މީގެ މަސައްކަތެއް ކަމަށެވެ.

އިންޑިއާ-ރާއްޖެ އެފްޓީއޭގެ މަސައްކަތް ކުރިއަށްދާ އިރު، ރާއްޖެއިން ވަނީ ޗައިނާއާ އެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިދިޔަ އަހަރު އަމަލުކުރަން ފަށައިފައެވެ. އަދި ޓްރޭޑް އެގްރީމެންޓެއް ތުރުކިއޭއާއެކުވެސް ރާއްޖެއިން ގާއިމްކޮށްފައިވެއެވެ.