ހިމަބިހި (މީސްލްސް) ކޭސްތަކުގެ އިތުރުވެ، 144 އަށް އަރައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ހިމަބިހީގެ 23 ކޭސްވަނީ ފެނިފައެވެ.

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް އެޗްޕީއޭ އިން ވަނީ ފަށައިފައެވެ. އެ ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދީފައިވަނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7،100 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އެޗްޕީއޭއިން ބުނެއެވެ. ހިމަބިހި އެންމެ ގިނައިން ޖެހިފައި ވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.

ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް މީގެ ހަތަރު އަހަރު ކުރިން 2022 ގައި ފެނުނު ހިމަބިހި ކޭސްތަކުގެ ތަފާސްހިސާބު ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުން ވިދާޅުވީ، އެ އަހަރު ވެސް އެންމެ ގިނައިން އެ ބަލި ޖެހުނީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށެވެ. އެއީ ހިމަބިހި ޖެހުމުގެ ފުރުސަތު އޮތް އާބާދީ ކަމަށާއި ފެންނަ ކޭސްތައް އިތުރުވެ، ފެތުރެނީ ވެކްސިން ނުޖަހާތީ ކަމަށް ވެސް ޑރ. ފާހަގަކުރެއްވިއެވެ.

މާލޭ ސަރަހައްދުގައި ހިމަބިއްސަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:

  • ޔޫޕީއެޗްސީސީ - ހޮނިހިރު އަދި އާދިއްތަ ދުވަހު ހެނދުނު 08:30 އިން 15:00 އަށް
  • ހުޅުމާލެ ހޮސްޕިޓަލް - އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ހެނދުނު 09:00 އިން 11:00 އަށް އަދި ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު 13:00 އިން 15:00 އަށް.
  • ސެނަހިޔާ ހޮސްޕިޓަލް - އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 10:00 އިން 16:00 އަށް.
  • ވިލިމާލެ ހޮސްޕިޓަލް - އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް މެންދުރު 13:30 ފެށިގެން 15:30 އަށް

އެޗްޕީއޭ އިން ބުނީ އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ހިދުމަތް ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެ ކަމަށެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

  • ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ސިއްހީ ފަރުވާ ހޯދުން
  • ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން.
  • ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.
  • ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން.
  • ބަލި ޖެހިފައި ހުރިކަން ޔަގީންވާނަމަ ބަސް އަދި ޓެކްސީ ފަދަ، އާންުމުން ގިނައިން ބޭނުންކުރާ ވެހިކަލް ތަކުގައި ދަތުރުނުކުރުން.
  • ދަރިވަރަކަށް ހިމަބިހި ޖެހިފައިވާކަން ޔަގީންވާނަމަ ނުވަތަ ޝައްކުކުރެވޭ ނަމަ ޑޮކްޓަރަކަށް ދެއްކުމަށް ފަހު މެނުވީ ސްކޫލަކަށް ނުފޮނުވުން.