އެމެރިކާއިން އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދެމުންދާ މި ދަނޑިވަޅުގައި ވެސް، ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅިއާ ގުޅުންހުރި އީރާނުގެ އަސްކަރީ ގާބިލުކަން ނައްތާލުމަށް އެމެރިކާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވާ ގޮތުގައި، ޖުލައި 14 ވަނަ ދުވަހުން ފެށިގެން އީރާނުގެ ބަނދަރުތަކަށް ވަދެނުކުމެ އުޅޭ ބޯޓުފަހަރަށް އަމާޒުކޮށް އެމެރިކާއިން އަލުން ކަނޑުގެ ބްލޮކޭޑެއް ނުވަތަ ބަންދެއް ތަންފީޒުކުރަން ފަށާނެއެވެ. މީގެ އިތުރުން، ވިދިވިދިގެން ތިން ރޭ ވާންދެން އެމެރިކާއިން ވަނީ އީރާނުގެ ރާޑަރު ސްޓޭޝަންތަކަށާއި، މިސައިލް އަދި ޑްރޯން ފެސިލިޓީތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. މި ހަމަލާތަކުގެ މައިގަނޑު މަގުސަދަކީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި ބޯޓުފަހަރަށް އީރާނުން ދެމުންދާ ހަމަލާތައް ހުއްޓުވުން ކަމަށް އެމެރިކާއިން ބުނެއެވެ. މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ޓްރަމްޕްގެ ސަރުކާރުން ގެންގުޅެނީ އަސްކަރީ ބާރުގެ ބޭނުންކުރުމާއެކު ޑިޕްލޮމެޓިކް މަޝްވަރާތަކަށް ވެސް ޖާގަދޭ ސިޔާސަތެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެެެއެވެ. ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، އީރާނުން މީގެ ކުރިން އެއްބަސްވުންތަކާ ހިލާފުވެފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެމެރިކާއިން ކުރާ ހޭދައިގެ ބަދަލެއްގެ ގޮތުން، އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރުން 20 އިންސައްތައިގެ ފީއެއް ނަގަން ނިންމާފައިވާ ކަމަށް ވެސް ޓްރަމްޕް ވަނީ އިއުލާނުކުރައްވާފައެވެ.
މި މައްސަލައާ ގުޅިގެން އީރާނުގެ ހާރިޖީ ވުޒާރާއިން ބުނީ، ހޮރުމުޒް ކަނޑުއޮޅީގެ ސަލާމަތްތެރިކަން ބަލަހައްޓަނީ އީރާނުން ކަމަށެވެ. އަދި އެމެރިކާއިން ފީއެއް ނެގުމަށް ނިންމި ނިންމުމަށް ފާޑުކިޔާފައިވެއެވެ.
މިހާރު ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން، ޕާކިސްތާނު މެދުވެރިވެގެން ކުރިން ވެފައިވާ ވަގުތީ ސުލްހައިގެ އެއްބަސްވުން ވަނީ ނިމުމަކަށް އައިސްފައެވެ. އަދި އީރާނުން ވަނީ އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ގަލްފު ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް