މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މި މަގާމަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު" ގެ ދަށުން ބިއުރޯ ހިންގުމަށްޓަކައި ކަނޑައަޅަންޖެހޭ މަގާމެކެވެ. މިހާރު މި މަގާމުގައި ހުންނެވީ ތަފާސްހިސާބުގެ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އާއިޝަތު ހަސަނެވެ. އޭނާއަކީ އިކޮނޮމެޓްރިކްސްއިން މާސްޓާސް ޑިގްރީ އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ރައީސް އޮފީހުން ބުނީ މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 ކަމަށެވެ. މަގާމަށް ކުރިމަތިލާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށާއި، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 12:00 އަށް ފޯމު ބަލައިގަންނާނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގުމުގައި ޗީފް ސްޓެޓިސްޓީޝަން މަސައްކަތް ކުރައްވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި ބިއުރޯގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީވެސް ފިނޭންސް މިނިސްޓަރެވެ.

ތަފާސްހިސާބާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި ލަފާދިނުމަށްޓަކައި 10 މެންބަރުންގެ މައްޗަށް އެކުލެވޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންޖެހޭނެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.