ރައީސް ޑރ. މުހައްމަދު މުއިއްޒު، ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އާލް ޘާނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ލޫސައިލް ގަނޑުވަރުގައި ބޭއްވި މި ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަހުވަތްތެރި ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު ބިން ހަލީފާ އާލް ޘާނީ އަވަހާރަވުމާ ގުޅިގެން، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަމީރު ތަމީމްއަށާއި ގަތަރުގެ ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ވާހަކަފުޅުގައި، ގަތަރުގެ ކުރީގެ އަމީރަކީ ރާއްޖެއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި، އަދި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއްކަން ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް، ގަތަރަށް ކުރައްވާ މި ދަތުރުފުޅަކީ ގަތަރުން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމުގެ އަގުވަޒަންކޮށް، އެކަން ރަމްޒުކޮށްދޭ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުންޏެވެ. މިގޮތުން ގަތަރުގެ އެހީގައި ރާއްޖޭގައި ހިންގާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އޭގެ ތެރޭގައި، ގަތަރު އެއާވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށައި ފަތުރުވެރިކަމަށް ލިބުނު ކުރިއެރުމާއި، ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އަލް ޘާނީ ސްކޫލާއި، ހުޅުމާލޭގައި ބިނާކޮށްފައިވާ މަސްޖިދުއްޝައިހު ގާސިމް ބިން އަލް ޘާނީ ފަދަ މުހިންމު ބިނާތައް ހިމެނެއެވެ.
ބައްދަލުވުން ނިންމަވާލައްވަމުން، ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ބަދަހި ގުޅުން ކުރިމަގުގައިވެސް ދެމެހެއްޓުމަށާއި، ތަރައްގީގެ އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުން އިސްކަންދޭނެކަން ދެ ބޭފުޅުން ވަނީ ޔަގީންކޮށްދެއްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް