(13 ޖުލައިގެ އަދަދާ ގުޅޭ)

ރަޙްމަތުގެ ދީން ފާޅުކުރެއްވުމާއެކު އެޢާއިލާ އިސްލާމްކަމުގެ ޝަރަފު ހޯއްދަވައިފިއެވެ. އެޢާއިލާއަކީ السّــابــقــــون الأوّلـــون ގެ ލިސްޓުގެވެސް ވަރަށްކުރީ ވަނަތަކެއް ހޯއްދަވައިފައިވާ ޢާއިލާއެކެވެ.

އެޢާއިލާގެ މެންބަރުން އިސްލާމްވެވަޑައިގެންނެވުމާއެކު މަޚްޒޫމުވަންހައިގެ މީހުން އެޢާއިލާއަށް އަނިޔާކުރާންފެށީ ކުޑައިކޮށްވެސް ހިތެއްފިތެއް ނެތިއެވެ. އިންސާނީ ހަމްދަރުދީގެ ކުނޑިފަށެއްވެސް ނެތިއެވެ. އެ ހެޔޮލަފާ ޢާއިލާއަށް އަނިޔާކުރުމުގައި އިސްވެހުރީ أبــــو جــهـــل އެވެ. (އޭނާއަކީ މަޚްޒޫމުވަންހައިގެ ބޮޑެކެވެ.)

މަޚްޒޫމުވަންހައިގެ މީހުން يــاســــــر ގެ ޢާއިލާގެ މެންބަރުން މައްކާގެ ގަދަހޫނުގައި ހިލަބިންތަކަށްނެރެ ބައިތިއްބައިގެން އެކިވައްތަރުގެ އަދަބުދިނެވެ. މަޚްޒޫމުވަންހައިގެ މީހުން يــاســــــر ގެ ޢާއިލާއަށް އަނިޔާކުރަނިކޮށް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެއްދުވަހަކު އެތަނަށް ވަޑައިގެންނެވުނެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެ ޢާއިލާއާ މުޚާޠަބުކުރައްވައި ޙަދީސުކުރެއްވިއެވެ. "يــاســــــر ގެ އާލުންނޭވެ. ކެތްތެރިވާށެވެ! ތިޔަބައިމީހުންނަށްހުރީ ސުވަރުގެއެވެ." عــلــــــى مـــرتـضـــى رضـــــى اللّــــه عــنـــــه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސުކުރެއްވިއެވެ. "عـمّـــار ގެ އިސްތަށިފުޅުން ފެށިގެން ފައިތިލަފުޅާ ހަމަޔަށް ފުރިފައިވަނީ އީމާންކަމުންނެވެ." އެންމެފަހުން މަޚްޒޫމްވަންހައިގެ އަނިޔާއަށް ކެތްނުކުރެއްވިގެން يــاســــــر އަވަހާރަވެއްޖެއެވެ. أبــــو جــهـــل، السّــيّــدة سُـمَــيَّـــة رضـــــى اللّــــه عــنـــهـــا ގެ ލަދުވެތިގުނަވަންފުޅަށް ލޮންސި ހަރައިލައިގެން އެކަމަނާ ޝަހީދުކޮށްލިއެވެ. އިސްލާމްދީނަށްޓަކައި އެންމެފުރަތަމަ ޝަހީދުކުރެވުނު ބޭކަނބަލަކީ السّــيّــدة سُـمَــيَّـــة رضـــــى اللّــــه عــنـــهـــا އެވެ.

عـمّـــار ގެ ބައްޕާފުޅާއި މަންމާފުޅު ޝަހީދުވުމުންވެސް މަޚްޒޫމުވަންހައިގެ މީހުން އެކަލޭގެފާނު އަނިޔާވެރިކަމުގެ އުޑީގައި ފިސްކުރުން ހުއްޓައެއް ނުލިއެވެ. ބައެއް ދުވަސްދުވަހު އަވީގައި އުޑުތިލަފުޅުމަތީން ބާއްވައިފައި މޭފުޅުމައްޗަށް ރަތް ހިލައަރުވައެވެ. އަނެއްބައިދުވަސްދުވަހު ފެނުގެ ތެރެޔަށް ގަންބައި ނޭވާފުޅު ހާސްކުރުވައެވެ. ކާފަރުން ދަންނަވައެވެ. "ކަލޭގެ محــمّــــد އަށް (صــلّـــــى اللّــــه عــلـيــــه وســلّـــــم) އަށް ބަދުބަސްތައްބުނެ لات އާއި عُــــــــزَّى އަށް ތާރީފު ނުކުރާހައި ހިނދަކު ދޫކޮށެއް ނުލާނޫއެވެ." އެންމެފަހުން އެއްދުވަހަކު عـمّـــار އަށް މަޖްބޫރުވެވަޑައިގެން އެބައިމީހުންގެ ބަސް ޤަބޫލުކުރެއްވިއްޖެއެވެ. ކާފަރުން އެކަލޭގެފާނު ދޫކޮށްލުމާއެކު ޢުޒުރުވެރިވެވަޑައިގަންނަވާން ކީރިތިކުރައްވަމުން ވަޑައިގެންނެވީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހަށެވެ. ތިރީގައި މާނަ ބަޔާންމިކުރާ ކީރިތި قــــــرآن ގެ އާޔަތް ބާވައިލެއްވީ އެ ހާދިސާއާ ގުޅިގެންނެވެ.

"އީމާންކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ ޙާލު މަޖްބޫރުވެގެންވާ މީހާ ފިޔަވައިاللّــــه އަށް އީމާންވުމަށްފަހު اللّــــه އަށް ކާފިރުވެއްޖެ މީހާ، އާއި އަދި ކީއްހެއްޔެވެ! (މަޖްބޫރުވެގެންވިޔަސް) ކާފިރުކަމަށް ހިތް ތަނަވަސްވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް اللّــــه ގެ ޙަޟުރަތުން ކޯފާލެއްވުން ހުއްޓެވެ. އަދި ބޮޑުވެގެންވާ ޢަޒާބު، އެއުރެންނަށް ހުއްޓެވެ." (الـــنّــحــل: 106)

4. صُـهَــيـب بــــن سنــــان رضـــــى اللّــــه عــنـــــه: އެކަލޭގެފާނުގެ ނަންފުޅު ޢާންމުކޮށް މަޝްހޫރުވެފައިވަނީ صُـهَــيـب الــــرّومــــى ގެ ގޮތުގައެވެ. ނަމަވެސް އެކަލޭގެފާނަކީ ޙަޤީޤީ ރޫމީއެއް ނޫނެވެ. އެކަލޭގެފާނަކީ މޫޞިލީއެކެވެ. އެކަލޭގެފާނުގެ ބައްޕަ سنــــان އަކީ އީރާނުގެ ކިސްރާގެ ފަރާތްޕުޅުން އަލްއުބުއްލާގައި ހުންނެވި ޙާކިމެވެ. އެއްފަހަރަކު ރޫމީން އެސަރަޙަދަށް ޙަމަލަދީ އެފުށްމިފުށަށް ޖަހައިލިއެވެ. އެތައްބަޔަކު ހައްޔަރުކޮށް އަޅުވެތިކޮށްގެން ގެންދިޔައެވެ. އޭގެތެރޭގައި صُـهَــيـب ވެސް ހިމެނިވަޑައިގެންނެވިއެވެ. ޢަރަބީންގެ މީހަކު އެކަލޭގެފާނު ގަނެގެން މައްކާއަށް ގެނައީއެވެ. އެކަލޭގެފާނު ބައްލަވައިގެންފައި މިނިވަންކުރެއްވީ عــبــد اللّــــه بــــن جــــدعـــان އެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ عـمّـــار بـــن يــاســــــر އާއެކުގައެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަރިހަށް އެދެބޭކަލުން ވަޑައިގެންނެވީ އެކުގައެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވުމުގެ "ކުށުގައި" قـــــريـش ން އެކަލޭގެފާނުގެ ގައިކޮޅުގައިވެސް ތަޅައި އަނިޔާކުރެއެވެ. قـــــريـش ން އެތައްދުވަހަކު އެކަލޭގެފާނު ހޭފުޅުނެތެންދެން އެކަލޭގެފާނަށް އަނިޔާކުރިއެވެ.

5. أبــــو فُـكــَيـْـهَـــة جُــهَـــنِــى رضـــــى اللّــــه عــنـــــه: އެކަލޭގެފާނުގެ އަސްލު ނަންފުޅަކީ أَفْــلَــحُ އެވެ. އެކަލޭގެފާނަކީ صفـــــــوان بــــن أَمُــيَّـــــة ގެ އަޅެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ بِـــلال بــــن ربــاح رضــــــى اللّــــه عــنـــــه އާ އެއްދުވަސްވަރެއްގައެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިކަން صفـــــــوان އަށް އެނގުމުން އެކަލޭގެފާނުގެ ދެފައިންޕުޅުގައި ވައުޖަހައިފައި ދޮންވެފައިވާ ހިލަބިންމަތީގައި ދަމާން ބަޔަކާ ޙަވާލުކުރިއެވެ. قـــــريـش ން އެކަލޭގެފާނު ބިންމަތީގައި ދަމައިފައި ގެންދަނިކޮށް ބިންމަތީގައި ހިރެމުންދިޔަ ހާސްފައެއް ފެނިފައި صفـــــــوان މަލާމާތުގެގޮތުން ބުނެލިއެވެ. "މިއީ އަނެއްކާ ކަލޭގެ ކަލާނގެއެއް ނޫންހެއްޔެވެ؟" أبــــو فُـكــَيـْـهَـــة رضـــــى اللّـــه عــنـــــه ނުހަނު ސާބިތުކަމާއެކު ޖަވާބު ދެއްވިއެވެ. އަހަރެމެން ދެމީހުންގެވެސް ކަލަކީ اللّــــه سبحـــانــــه وتــعــــالــــى އެވެ. صفـــــــوان ގެ ގާތަށް އައިރުޅީގައި أبــــو فُـكــَيـْـهَـــة رضـــــى اللّـــه عــنـــــه ގެ ކަރުފުޅުގައި ހިފައި ބާރުކޮށްލިއެވެ. މީހުން ހީކުރީ އެކަލޭގެފާނު އަވަހާރަވީ ކަމުގައެވެ. ނަމަވެސް އަވަހާރަނުވެ ވަނީ ސަލާމަތްވެވަޑައިގެންފައެވެ. އެއްފަހަރަކު އެކަލޭގެފާނު އަވީގައި ބާއްވައިފައި މޭފުޅުމައްޗަށް އެރުވި ހިލައެއްގެ ބަރުކަމުން އެކަލޭގެފާނު ހޭފުޅުނެތި ދޫފުޅު ބޭރަށް ނުކުތެވެ. އެކަލޭގެފާނުގެ ގައިކޮޅުގައި ދަގަނޑު ހިލިހިލާ ޖަހައިފައި ދޮންވެފައި އޮންނަ ހިލަ ބިންމަތީގައި ބޭއްވުމަކީވެސް ދީއުޅުނު އަދަބެކެވެ. އެކަލޭގެފާނު ބައްލަވައިގެންފައި މިނިވަންކޮށްދެއްވައި އެ އަނިޔާއިން ސަލާމަތްކޮށްދެއްވީ أبـــوبــكـــر الصّــدّيـــق رضـــــى اللّــــه عــنـــــه އެވެ.

6. السّــيّــدة لُــبَــيْــنَـــة رضــــى اللّــــه عــنـــهـــا އަކީ عــدي ވަންހައިގެ ކަނީޒެކެވެ. އެކަމަނާއަށް އަދަބުދެއްވީ عــمـــــر ގެފާނެވެ. ނުހަނު އަނިޔާވެރިކަމާއެކު ތަޅުއްވައި އަނިޔާކުރައްވައެވެ. ތެޅުއްވުން ހުއްޓައިލައްވާއިރު ވިދާޅުވެއެވެ. އަހަރެން ކަލޭގެ ގައިގައި ތެޅުން މިހުއްޓައިލީ ކަލެޔާމެދު ހިތުގައި ރަޙްމެއް އުފެދިގެންނެއް ނޫނެވެ. ވަރުބަލިވެގެން ވަރުބަލި ފިލުވައިލާށެވެ. އާރެއް ބާރެއްނެތް ނިކަމެތިފުޅު السّــيّــدة لُــبَــيْــنَـــة ވިދާޅުވިއެވެ. "ކަލޭގެފާނު އިސްލާމްވެވަޑައިނުގެންފި ކަމުގައިވާނަމަ އަރަހުށި މާތް اللّــــه ކަލޭގެފާނުގެ ފަރާތްޕުޅުން އަޅުގަނޑަށް ބަދަލުހިއްޕަވައިދެއްވާނެއެވެ." ޝައްކެއްނެތެވެ. އެކަމަނާގެ އިންޒާރުވަނީ عــمـــــر ގެފާނުގެ ހިތްޕުޅުގައި ބިންވަޅު ނެގިފައެވެ.

7. السّــيّــدة زنــيــــــرة رضــــى اللّــــه عــنـــهـــا އަކީވެސް عــمـــــر ގެފާނުގެ ޢާއިލާގެ ޚާދިމާއެކެވެ. އެކަމަނާވެސް عــمـــــر ގެފާނުގެ އަނިޔާވެރި ޝިކާރަޔަކަށް ވެވަޑައިގަންނަވައެވެ. އެއްދުވަހަކު أبــــو جــهـــل އެކަމަނާއަށްކުރި އަފޫރުއްބަ އަނިޔާގެ ސަބަބުން އެކަމަނާގެ ދެލޯފުޅުގެ ގޮބޮޅިފުޅު ލޮނދިތަކާއެކުވަނީ ކޯތާފަތްޕުޅު މައްޗަށް ފައިބައިފައެވެ.

(ނުނިމޭ)