ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ޕަބެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 27 މީހުން މަރުވެއްޖެއެވެ. ބެންކޮކްގެ ޗަޓުޗަކް ޑިސްޓްރިކްޓްގައި ހުންނަ “ނާ ލަޑްޕްރާއޯ” ޕަބްގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 12:00 ހާއިރު ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

މި ހާދިސާގައި 63 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭގެ ތެރެއިން 22 މީހެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ބެންކޮކްގެ ގަވަރުނަރު ޗަޑްޗާޓް ސިޓިޕުންޓް ވިދާޅުވިއެވެ. އެހެންކަމުން، މި ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލުން ވަނީ އިންޒާރުދެއްވައިފައެވެ.

މި ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި މީހުން ބުނި ގޮތުގައި، އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ގާތްގަނޑަކަށް ބައިގަޑިއިރު ނެގިއެވެ. ފަޔަފައިޓަރެއް ކަމަށްވާ ޗަކްރިޓް ހޮންގްކޮމް ބުނި ގޮތުގައި، އިމާރާތުގެ އެތެރެއަށް އެއްކޮށް ދުން ފެތުރިފައި އޮތުމުގެ ސަބަބުން މީހުން ސަލާމަތްކުރުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. އަދި ސަލާމަތްވި ގިނަ މީހުންނަށް ވެސް އަނިޔާވެފައިވަނީ ދުމުގެ އަސަރުކޮށްގެން ކަމަށް އޭނާ ފާހަގަކުރިއެވެ.

މި ހާދިސާ ތަހުގީގުކުރަމުން އަންނަ ފަރާތްތަކުން ބުނާ ގޮތުގައި، ގިނަ މީހުން މަރުވެފައިވަނީ އިމާރާތުގެ ފަހަތުގައި ހުރި ފާހާނާތަކުގެ ކައިރިންނެވެ. ތައިލެންޑުގެ ބޮޑުވަޒީރު އަނުޓިން ޗާންވިރަކުލް ވިދާޅުވި ގޮތުގައި، އަލިފާން ރޯވުމާއެކު ގިނަ ބަޔަކު އިމާރާތުގެ ފަހަތަށް ދުވި ނަމަވެސް، އެތަނުގައި ސަލާމަތްވެވޭނެ އިމަޖެންސީ ދޮރެއް ނެތެވެ. މީގެ އިތުރުން، އެތަނުން ސަލާމަތީ މިންގަނޑުތަކާ ހިލާފުވެފައިވޭތޯ ބެލުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިހާރު ކުރިއަށްދަނީ މަރުވި މީހުންނާއި އަނިޔާވި މީހުންގެ ވަނަވަރު ދެނެގަތުމުގެ މަސައްކަތެވެ. ފޮރެންސިކް ޓީމުތަކުން ހާދިސާ ހިނގި ސަރަހައްދުގައި ހެކި އެއްކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މަރުވި މީހުންގެ ތެރެއިން ގިނަ މީހުންގެ އަތުގައި ކާކުކަން އަންގައިދޭ ލިޔުމެއް ނެތުމުން އެ މަސައްކަތަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.