އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރލުސްކޯނީގެ މިލްކިއްޔާތުގައި އޮތް މަޝްހޫރު 'ވިލާ ޗެރްތޯސާ' އެސްޓޭޓް، 375 މިލިއަން ޑޮލަރަށް ގަތަރުގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ޝައިހް ހަމަދު ބިން ޖާސިމް ބިން ޖާބިރު އާލް ސާނީ ބައްލަވައިގެންފިއެވެ. ގަތަރުގެ ކުރީގެ ބޮޑުވަޒީރުކަން ވެސް ކުރައްވާފައިވާ ޝައިހް ހަމަދު ބައްލަވައިގަތް މި އެސްޓޭޓަކީ 110 އޭކަރުގެ ބޮޑު ސަރަހައްދެއް ކަމަށާއި، މިއީ ވެޓިކަން ސިޓީއަށް ވުރެ ވެސް ބޮޑު ސަރަހައްދެއް ކަމަށް 'ދަ ޓައިމްސް އޮފް އިންޑިއާ' އިން ރިޕޯޓުކޮށްފައިވެއެވެ.
އިޓަލީގެ ސާޑީނިއާގައި އޮންނަ މި އެސްޓޭޓަކީ ސަލާމަތީ ގޮތުންނާއި އުމްރާނީ ގޮތުން އާދަޔާހިލާފު ސިފަތަކެއް އެކުލެވޭ ތަނެކެވެ. މިގޮތުން، ފަސް ސްވިމިންގ ޕޫލާއި، ރިމޯޓުން ކޮންޓްރޯލްކޮށްގެން ގޮއްވާލެވޭ މަސްނޫއީ އަލިފާންފަރުބަދައެއްގެ އިތުރުން، ޑްރޯންތަކާއި ކެމެރާތަކުން ސަލާމަތްވުމަށް ހަދާފައިވާ ބިންގަރާސްތަކާއި ސިއްރު ހޮހަޅަތައް މިތަނުގައި ހުރެއެވެ. މީގެ އިތުރުން ނިއުކްލިއަރ ހަމަލާއަކުން ރައްކާތެރިވެވޭނެ ބަންކަރެއް ވެސް ހުންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި މުއާމަލާތުގެ ސަބަބުން އިޓަލީގެ އިގުތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ. ރިއަލް އެސްޓޭޓް ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިއީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ “ޓްރޯފީ އެސެޓް” އެކެވެ. އަދި މިތަން ލަގްޒަރީ ރިސޯޓަކަށް ބަދަލުކޮށްފިނަމަ، ސާޑީނިއާގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ. މި މުއާމަލާތުގެ ޓެކްސްގެ ގޮތުގައި އެކަނި ވެސް އިޓަލީ ސަރުކާރަށް 31 މިލިއަން ޔޫރޯ ލިބޭނެ ކަމަށް އަންދާޒާކުރެވެއެވެ.
މި އެސްޓޭޓް ތަރައްގީކުރުމާ ގުޅޭގޮތުން ސާޑީނިއާގެ މުނިސިޕަލް ކައުންސިލުން ބުނެފައިވަނީ، އެތަނަށް ގެންނަ ކޮންމެ ބަދަލެއް ވެސް ގެންނަންވާނީ ސަރަހައްދުގެ ތިމާވެއްޓާއި ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ. އަދި އެތަނުގެ ސަލާމަތީ ކަންކަން ހުރި ގޮތް މުނިސިޕަލްޓީން ގަވާއިދުން ބަލަމުންދާނެ ކަމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ. މިހާރު މި އެސްޓޭޓް ބެލެހެއްޓުމަށް އަހަރަކު 8 މިލިއަން ޔޫރޯ ހަރަދުވާއިރު، މިއީ ޔޫރަޕުގައި ހުރި އެންމެ އަގުބޮޑު އެއް ޕްރައިވެޓް ޕްރޮޕަޓީއެވެ.
ޤަތަރު
ޤަތަރު
ޤަތަރު
ޤަތަރު
ކޮމެންޓް