މަތީ ސާނަވީ ތައުލީމު ހާސިލުކުރާ ދަރިވަރުންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބި، އެ ނިސްބަތް މިހާރު 48 ޕަސަންޓަށް އިތުރުވެފައިވާކަމަށް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހުންނަ ސީއެޗްއެސްސީގެ އާ އިމާރާތުގައި މިރޭ ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު 2025" ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ގްރޭޑް 10 ނިންމާ ކުދިންގެ ތެރެއިން މަތީ ސާނަވީއަށް ވަންނަނީ އެންމެ 34 ޕަސަންޓް ކުދިން ކަމަށެވެ.

"ސިޔާސަތަށް ގެނައި ބަދަލުތަކާ ހުޅުވާލި ފުރުސަތުތަކާއެކު މިހާރު ﷲގެ ވާގިފުޅާއެކު 48 އިންސައްތައަށް އެ އަދަދު އިތުރުކުރެވިއްޖެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. މީގެ ސަބަބުން އިރާދަކުރެއްވިއްޔާ ގިނަގުނަ ފައިދާތަކެއް ކުރާނެ" ޝަފީއު ވިދާޅުވިއެވެ.

މާލޭ ވޮކޭޝަނަލް ހައި ސްކޫލާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެ ސްކޫލަކީ މިދިޔަ އަހަރު އުފައްދައި، މިހާރުވެސް ކިޔަވައިދެމުންދާ ތަނެއް ކަމަށެވެ. ނަމަވެސް، ދަރިވަރުންނަށް އެންމެ އެކަށީގެންވާ މާހައުލެއް ހޯދައިދިނުމުގެ ގޮތުން، އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް މިނިސްޓްރީން މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހުނަރު ތަރައްގީކުރުމުގެ ބައި (ސްކިލް ޑިވެލޮޕްމަންޓް) ހަރުދަނާކޮށް، އިންޑަސްޓްރީތަކާ ގުޅިގެން "ވޯކް ބޭސް އެޕްރެންޓިޝިޕް" ފުރުސަތުތައް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ޝަފީއު ވިދާޅުވިއެވެ.

އެ މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޒުވާނުންނަކީ އުފެއްދުންތެރި، ބާރުވެރި ބަޔަކަށް ހަދައި، ގައުމުގެ އިންސާނީ ވަސީލަތް އިތުރަށް ކުރިއެރުވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.