މާލޭގައި ހިންގަމުން އަންނަ ވޮކޭޝަނަލް ހައި ސްކޫލަށް ބޭނުންވާ ޒަމާނީ އާ އިމާރާތް ހެދުމުގެ މަސައްކަތް މިއަންނަ އޮގަސްޓް މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެކަމަށް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޮޕްމެންޓް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހުންނަ ސީއެޗްއެސްސީގެ އާ އިމާރާތުގައި މިރޭ ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު 2025" ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތައުލީމީ ދާއިރާ ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ގްރޭޑް 10 ނިންމާ ކުދިންގެ ތެރެއިން މަތީ ސާނަވީއަށް ވަންނަނީ އެންމެ 34 ޕަސަންޓް ކުދިން ކަމަށެވެ. ނަމަވެސް، މިހާރު އެ އަދަދު 48 ޕަސަންޓަށް އުފުލިފައިވާކަމަަށް ޝަފީއު ވިދާޅުވިއެވެ.

މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ޝަފީއު ވިދާޅުވިއެވެ.

މާލޭ ވޮކޭޝަނަލް ހައި ސްކޫލާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެ ސްކޫލަކީ މިދިޔަ އަހަރު އުފައްދައި، މިހާރުވެސް ކިޔަވައިދެމުންދާ ތަނެއް ކަމަށެވެ. ނަމަވެސް، ދަރިވަރުންނަށް އެންމެ އެކަށީގެންވާ މާހައުލެއް ހޯދައިދިނުމުގެ ގޮތުން، އަންނަ އޮގަސްޓް މަހުގެ ތެރޭގައި އެ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް މިނިސްޓްރީން މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން ހުނަރު ތަރައްގީކުރުމުގެ ބައި (ސްކިލް ޑިވެލޮޕްމަންޓް) ހަރުދަނާކޮށް، އިންޑަސްޓްރީތަކާ ގުޅިގެން "ވޯކް ބޭސް އެޕްރެންޓިޝިޕް" ފުރުސަތުތައް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ޝަފީއު ވިދާޅުވިއެވެ.

އެ މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޒުވާނުންނަކީ އުފެއްދުންތެރި، ބާރުވެރި ބަޔަކަށް ހަދައި، ގައުމުގެ އިންސާނީ ވަސީލަތް އިތުރަށް ކުރިއެރުވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.