އެމެރިކާގެ ޔުނިވަސިޓީ އޮފް ކެލިފޯނިއާ ސެން ޑިއޭގޯ (ޔޫސީއެސްޑީ) ގެ ސައިންސްވެރިންތަކެއް، ޗައިނާގައި އުފައްދާފައިވާ ހިއުމަނޮއިޑް ރޮބޮޓެއް ބޭނުންކޮށްގެން ކާމިޔާބުކަމާއެކު އޮޕަރޭޝަނެއް ކޮށްފިއެވެ.
'ނޭޗަރ' ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި، މިއީ ދުނިޔޭގެ ތާރީހުގައިވެސް ހިއުމަނޮއިޑް ރޮބޮޓެއް މެދުވެރިކޮށް ދިރޭ އެއްޗެއްގެ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.
މި ތަޖުރިބާގައި ބޭނުންކޮށްފައިވަނީ ޗައިނާގެ ޔުނިޓްރީ ރޮބޮޓިކްސްއިން އުފައްދާފައިވާ 'ޔުނިޓްރީ ޖީ1' މޮޑެލްގެ ރޮބޮޓެކެވެ. "ސާޖީ" ގެ ނަމުން ނަންދީފައިވާ މި ރޮބޮޓު މެދުވެރިކޮށް، އޫރެއްގެ ހަށިގަނޑުން ބައެއް ނެގުމަށް ކީހޯލް އޮޕަރޭޝަނެއް (ލެޕަރޮސްކޮޕިކް ކޮލެސިސްޓެކްޓަމީ) ވަނީ ކޮށްފައެވެ. މި އޮޕަރޭޝަން ކުރިއަށްގެންދިޔައީ ސާޖަނުން ދުރުގައި ތިބެގެން ރޮބޮޓު ކޮންޓްރޯލްކޮށްގެންނެވެ. އޮޕަރޭޝަންގެ ތެރޭގައި ޓިޝޫތައް އެއްފަރާތްކުރުމާއި، ކެނޑުމާއި، ކްލިޕްކުރުމުގެ މަސައްކަތް ރޮބޮޓު މެދުވެރިކޮށް ވަނީ ފުރިހަމަކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔޫސީއެސްޑީގެ ޕްރޮފެސަރު މައިކަލް ޔިޕް ވިދާޅުވި ގޮތުގައި، ދުރުން ކޮންޓްރޯލްކުރާ އަދި އަމިއްލައަށް މަސައްކަތްކުރާ ހިއުމަނޮއިޑް ރޮބޮޓުތަކުގެ ސަބަބުން، ސިއްހީ ފަރުވާ ލިބެން ނެތް ދުރު ހިސާބުތަކަށް އޮޕަރޭޝަންކުރުމުގެ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. މިއީ އެމެރިކާގެ އިތުރުން މުޅި ދުނިޔެއަށްވެސް ދިމާވެފައިވާ ސިއްހީ ދާއިރާގެ މައްސަލަތަކަށް ހައްލެއް ގެނެސްދޭނެ ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު ހޮސްޕިޓަލުތަކުގައި ބޭނުންކުރާ ބޮޑެތި އަދި އަގުބޮޑު ރޮބޮޓިކް ސިސްޓަމްތަކާ ހިލާފަށް، 5 ފޫޓު ދިގު އަދި 60 ޕައުންޑު ބަރުދަން ހުންނަ މި ރޮބޮޓަކީ ކުދި ކްލިނިކްތަކާއި ވަގުތީ މެޑިކަލް ފެސިލިޓީތަކުގައިވެސް ފަސޭހައިން ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް ދިރާސާގައި ބައިވެރިވި އެސިސްޓެންޓް ޕްރޮފެސަރު ޝަންގްލޭއި ލިއު ވިދާޅުވިއެވެ.
މި އޮޕަރޭޝަން ކާމިޔާބުވި ނަމަވެސް، މިއީ އާންމުކޮށް ކްލިނިކްތަކުގައި ބޭނުންކުރަން ފެށުމުގެ ކުރިން އަދި ގިނަ ގޮންޖެހުންތަކެއް ހުރި ޓެކްނޮލޮޖީއެކެވެ. ދިރާސާ ޓީމުން ބުނި ގޮތުގައި، އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު ރޮބޮޓު އެތައް ފަހަރަކު ރީކެލިބްރޭޓް ކުރަން ޖެހުމުގެ ސަބަބުން، އާންމުކޮށް އޮޕަރޭޝަންކުރާ ވަގުތަށްވުރެ ގިނަ ވަގުތު މިކަމަށް ހޭދަވިއެވެ. މީގެ އިތުރުން، ކޮންޓްރޯލަރާއި ރޮބޮޓާ ދެމެދު ހުންނަ ލޭޓެންސީ ނުވަތަ ލަސްވުމުގެ މައްސަލަ ހައްލުކުރަން ޖެހޭކަންވެސް އެ ފަރާތުން ފާހަގަކުރިއެވެ. މިހާރު މި ޓެކްނޮލޮޖީ އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ދިރާސާ ޓީމުން އަންނަނީ ކުރަމުންނެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް