ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ތެރެއިން ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބައެއްގެ އަތުން ފައިސާ އަތުލާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން، ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އެ މައްސަލައިގައި ހިމެނެނީ ކާކު ކަމެއް ފުލުހުން ނުބުނެއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ހޯދާފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔާސީން އެވެ. އޭގެތެރޭގައި ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާއި ފަނޑިޔާރުން އަދި އާންމުން ވެސް ހިމެނެއެވެ.

ފްލެޓް ދޭނެ ކަމަށް ބުނެ ދެލައްކަ އާއި ހަތަރު ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް މީހުންގެ އަތުން ނަގާފައިވާ ކަމަށާއި އަދި ގޯތި ދޭނެ ކަމަށް ބުނެ ބައެއް މީހުންގެ އަތުން ތިން މިލިއަން ރުފިޔާއަށްވުރެ ގިނައިން ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެ މައްސަލަ ފެންމަތިވުމާއެކު ޔާސީން ވަނީ މަގާމުން ވަކިކޮށްފައެވެ.