ވެރިކަން ކުރާ ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިގެން ކުރިއަށް އެބަދެއެވެ.

މި އިންތިހާބުގައި މާލޭގެ އިތުރުން 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށް، ޕީއެންސީގެ އިންތިހާބާބެހޭ ކޮމިޓީން ވަނީ ބުނެފައެވެ.

އެ ދާއިރާތަކަށް 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ.

އިންތިހާބުގެ ވޯޓު ލުން ހެނދުނު 9:00 ން ފެށިގެން ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

މާލޭގައި ވޯޓުލާ ސަރަހައްދުތަކާއި ދާއިރާތައް:

  • އަމީނިއްޔާ ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް، މާލެ، އައްޑޫ، ފުވައްމުލައް އަދި ތިނަދޫ
  • އިސްކަންދަރު ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް، ސިޓީތައް ފިޔަވާ އެހެން ރަށްރަށުގެ މީހުން
  • ހުޅުމާލެ ފޭސް 2، ކާމިލް ދީދީ ޕްރީސްކޫލްގައި ހުރި ވޯޓުފޮށިތަކަށް، ހުޅުމާލެ އުތުރު ދާއިރާގެ މީހުން
  • ހުޅުމާލެ ފޭސް 1، ރެހެންދި ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް، ހުޅުމާލެ ދެކުނު ދާއިރާގެ މީހުން
  • ވިލިމާލެ، މުހިއްޔުއްދީން ސްކޫލްގައި ހުރި ވޯޓުފޮށިތަކަށް، ވިލިމާލެ ދާއިރާގެ މީހުން

އިންތިހާބާބެހޭ ކޮމިޓީން ބުނީ، މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއް ކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށް ކަމަށެވެ.

މި އިންތިހާބުގައި ވޯޓުލެވޭނީ މިދިޔަ ޖޫން މަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައި ތިބި އެ ޕާޓީގެ މެމްބަރުންނަށް އެކަންޏެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުގައި މިވަގުތު އެ ޕާޓީގައި 74،048 މެމްބަރު އެބަތިއްބެވެ.

މި އިންތިހާބުގައި، ޕީއެންސީގެ ދާއިރާތަކަށް ދާއިރާ ރައީސާއި ދާއިރާގެ ނައިބު ރައީސާއި އަންހެނުންގެ ހަރަކާތުގެ ރައީސާއި ޒުވާނުން ހަރަކާތުގެ ރައީސް އަދި ސްޓިއަރިން ކޮމިޓީގެ ރައީސް އިންތިހާބު ކުރާނެއެ.