އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި ދާދި ފަހުން ހިނގައިދިޔަ ހަމަލާބަދަލުކުރުންތަކަށް ފަހު، އެމެރިކާއަށް އަމާންދީގެން މައްސަލަތަކަށް ހައްލެއް ނާންނާނެ ކަމަށް އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަދި އިސް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އިންޑޮނީޝިއާގެ ޕީޕަލްސް ކޮންސަލްޓޭޓިވް އެސެމްބްލީގެ ރައީސް އަހުމަދު މުޒާނީއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީ، އިސްނާ (އައިއެސްއެންއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގާލިބާފް ވިދާޅުވީ ހަނގުރާމަ ނިމުމަކަށް ގެނައުމަކީ ދުނިޔޭގެ ގައުމުތަކުން އިސްކަންދޭ ކަމެއް ނަމަވެސް، އީރާނުން އަމާންދީގެން މި ކުރިމަތިލުންތައް ނުނިމޭނެކަން އެންމެންވެސް ދަންނަން ޖެހޭނެ ކަމަށެވެ. އަދި އެމެރިކާއިން އެއްބަސްވުންތަކާ ހިލާފުވާ ކޮންމެ ފަހަރަކު އީރާނުގެ ދިފާއުގައި ނުކުންނަން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށާއި، އީރާނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ސާބިތުވެ ތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޑިޕްލޮމެޓިކް މަޝްވަރާތަކާ ގުޅޭގޮތުން ގާލިބާފް ވިދާޅުވީ އެމެރިކާގެ އޮފިޝަލުންނަށް އެއްވެސް އިތުބާރެއް ނުކުރައްވާ ކަމަށެވެ. އެގޮތުން، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސްއާ އެކު ކުރިއަށްދިޔަ މަޝްވަރާތަކުގައިވެސް އެމެރިކާއަށް އިތުބާރު ނުކުރާކަން ސާފުކޮށް ދަންނަވާފައިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ގާލިބާފް ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާއާ އެކު ކާމިޔާބުކަމާ އެކު މަޝްވަރާ ކުރެވޭނީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެގެން ތިބޭ ބަޔަކަށެވެ.

މިފަދަ މޭރުމަކުން ގާލިބާފް ވާހަކަދައްކަވާފައި މިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ދާދި ފަހުން އަނެއްކާވެސް ހަމަލާބަދަލުކުރުންތަކެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި އީރާނުން ވަނީ ވިޔަފާރި ބޯޓުފަހަރަށް ހަމަލާދީފައެވެ. އޭގެ ރައްދުގައި އެމެރިކާއިން އީރާނަށް ހަމަލާތަކެއް ދީފައިވާއިރު، އީރާނުން ބުނެފައިވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލުން ހަމަލާދީފައިވާނެ ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ގަތަރާއި ޕާކިސްތާނު މެދުވެރިވެގެން މަސައްކަތްތަކެއް ކުރަމުންދިޔަ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އަދިވެސް ކުޑަވެފައެއް ނުވެއެވެ.