މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރުގެ އާމްދަނީ ވަނީ 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތަ އިތުރުވެފައެވެ. އޭގެ ތެރެއިން ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ޓެކްސް ފައިސާގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ 15.3 ބިލިއަން ރުފިޔާއިން 17.3 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށާއި، މިއީ 2.0 ބިލިއަން ރުފިޔާ ނުވަތަ 13.0 ޕަސަންޓުގެ ކުރިއެރުމެއްކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން ވިޔަފާރީގެ ހަރަކާތްތައް އިތުރުވުމުންނާއި، މި މުއްދަތުގެ ތެރޭގައި އިންކަމް ޓެކްސް ދެއްކުމުގެ ސުންގަޑި މި މުއްދަތުގެ ތެރޭގައި އައިސްފައިވުމުގެ ސަބަބުން، އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވަނީ ކޯޕަރޭޓް އިންކަމް ޓެކްސްއިންނެވެ. އެގޮތުން، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ޖުމްލަ 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 97.7 މިލިއަން ރުފިޔާ ނުވަތަ 6.2 ޕަސަންޓުގެ ކުރިއެރުމެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޖީއެސްޓީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 835.4 މިލިއަން ރުފިޔާ ނުވަތަ 9.6 ޕަސަންޓުގެ ކުރިއެރުމެއްކަމަށް ރިޕޯޓުގައި ބުންޏެވެ. އޭގެތެރޭގައި ޖީއެސްޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާއާއި، ޓީޖީއެސްޓގެ ގޮތުގައި ލިބުނު 6.6 ބިލިއަން ރުފިޔާ ހިމެނޭކަން ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ ހަރަދުތަކައް 23.4 ބިލިއަން ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ނުވަތަ 21.7 ޕަސަންޓުގެ އިތުރުވުމެއްކަމަށް ރިޕޯޓުގައި ބުންޏެވެ. ނިމިދިޔަ ހަފުތާގައި ހަރަދު އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވުންކަމަށް ރިޕޯޓުގައި ބުންޏެވެ.

އަދި މެދުއިރުމަތީގައި ކުރިޔަށްދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ތަކެތީގެ އަގުތައް މައްޗަށް ދިޔަ ނަމަވެސް، ސަރުކާރުން ފޯރުކޮށްދެމުންދާ އަސާސީ ތަކެއްޗާއި ހިދުމަތްތަކުގެ އަގު ހިފެހެއްޓުމުގެ ގޮތުން ފޯރުކޮށްދެމުންދާ ސަބްސިޑީގެ ހަރަދުތައްވެސް މިއަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާ އަރާފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މުސާރައާއި އުޖޫރައަށް ޖުމްލަ 3.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 13.9 ޕަސަންޓުގެ އިތުރު އަދަދެއްކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މުސާރައާއި ޕެންޝަނަށް ކުރި ހަރަދު ވަނީ 8.0 ބިލިއަން ރުފިޔާއަށް އަރާފައި ކަމަށެވެ.

ހިނގަމުންދާ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ 20.3 ބިލިއަން ރުފިޔާގައި ހުރިއިރު، ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދު ވަނީ 3.0 ބިލިއަން ރުފިޔާއަށް އިތުރުވެފައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ހަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ހަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ރިޕޯޓުގައި ބުންޏެވެ.

ނަމަވެސް، ހުރިހާ ހަރަދެއް ހިމެނުމުން ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ 975.9 މިލިއަން ރުފިޔާއިން ޑެފިސިޓްވެފައިކަމަށް ރިޕޯޓުގައި ބުންޏެވެ.