އެމެރިކާއިން އެއްބަސްވުންތަކާ ހިލާފުވަމުންދާތީ، އެކަމަށް ހަރުކަށި އަދި ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
މި އިންޒާރު ދެއްވީ އިންޑިއާގެ މުމްބާއީގައި ހުންނަވާ އީރާނުގެ ކޮންސުލް ޖެނެރަލް ސައީދު ރިޒާ މުސައްޔަބް މުތުލާގް ބުރާސްފަތި ދުވަހު ދެއްވި ބަޔާނެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާއިން ތަކުރާރުކޮށް އެއްބަސްވުންތަކާ ހިލާފުވަމުންދާތީ، މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން މިހާރުވެސް ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ.
ކުރިން އީރާނުން ކެތްތެރިކަން އިސްކުރި ނަމަވެސް، މިހާރު މަޖުބޫރުވެފައިވަނީ އަސްކަރީ ގޮތުންނާއި ހަނގުރާމައިގެ މައިދާނުގައި ރައްދުދޭން ކަމަށް ކޮންސުލް ޖެނެރަލް ފާހަގަކުރެއްވިއެވެ. އީރާނުގެ މި ފިޔަވަޅުތަކަކީ އަމިއްލަ ދިފާއުގައި އަޅަން މަޖުބޫރުވެފައިވާ ފިޔަވަޅުތަކެއް ކަމަށާއި، މިއީ އެއްވެސް ހާލެއްގައި އިސްވެ ހަމަލާދިނުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ނުރައްކާވެ، ފާރިސީ ގަލްފާއި ހޮރުމުޒް ކަނޑުއޮޅީގެ ސުލްހަ މަސަލަސްކަން ގެއްލެމުންދާ ކަމަށްވެސް އީރާނުގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން، މަޝްވަރާކުރުމަށް އީރާނުން އަބަދުވެސް ތައްޔާރަށް އޮތް ނަމަވެސް، އެމެރިކާއިން އެކަމަށް ހުރަސްއަޅަމުންދާ ކަމަށް އީރާނުން ތުހުމަތުކުރެއެވެ.
މި މައްސަލައާ ގުޅިގެން މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް އިތުރުވެ، ސަރަހައްދީ ނުތަނަވަސްކަން ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އީރާނުން ބުނާ ގޮތުގައި އެ ގައުމުގެ އަމާޒަކީ ސަރަހައްދީ ސުލްހަ ގާއިމުކުރުމެވެ. ނަމަވެސް، އެމެރިކާއިން އެއްބަސްވުންތަކަށް އިހުތިރާމު ނުކުރާހާ ހިނދަކު، އީރާނުގެ ސިޔާދަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް ކޮންސުލް ޖެނެރަލް ވަނީ ވިދާޅުވެފައެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް