ރަޝިއާގެ މޮސްކޯގައި އޮންނަ ފަސްވަނަ އިންޓަނޭޝަނަލް ފެސްޓިވަލް އޮފް އެކްސްޓްރީމް ވޯޓާ-މޮޓޯ ސްޕޯޓްސް (ހައިޑްރޯފެސްޓް 2026) ގައި ބައިރިވުމަށް ރާއްޖޭގެ ފްލައިބޯޑުން އަދި ހައިޑްރޯފްލައިޓް ލެޖެންޑް އިބްރާހީމް ހުސައިން (އިއްބަޑޭ) އާއި އިބްރާހީމް ނާއިފް ފުރައިފިއެވެ.

ދަ މޯލްޑިވްސް ހައިޑްރޯ ސްޕޯޓްސް އެސޯސިއޭޝަން (އެމްއެޗްއެސްއޭ) އިން ބުނެފައި ވަނީ ރާއްޖޭގެ ޓީމް ލީޑުކުރާނީ އިއްބަޑޭ ކަމަށެވެ. އިއްބަޑޭއަކީ ފްލައިބޯޑް އަދި ހައިޑްރޯފްލައިޓް ރާއްޖެއަށް އެންމެ ފުރަތަމަ ގެނެސްދިނުމުގައި ވެސް މުހިއްމު ރޯލެއް އަދާކުރި ފަރާތެކެވެ. އޭނާގެ ވިސްނުމުގެ ދަށުން އެ ކުޅިވަރަށް އިތުރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، އެތައް ޖީލުތަކެއް ކުޅިވަރަށް ނެރެންވެސް އިއްބަޑޭ ވަނީ މަސައްކަތް ކޮށްފައެވެ.

އެމްއެޗްއެސްއޭއިން ބުނީ މުބާރާތް އޮގަނައިޒް ކުރާ ފަރާތުން ރާއްޖެއަށް ހާއްސަ ދައުވަތެއް ދިނީވެސް އިއްބަޑޭގެ މަސައްކަތަށް ކަމަށެވެ.

އިއްބަޑޭއާއެކު ދެން ބައިވެރިވާ ނާއިފަކީ ޕްރޮފެޝަނަލް ފްލައިބޯޑް ކެޓަގަރީން ދެވަނަ ހޯދާފައިވާ އެތުލީޓެކެވެ. އަދި އެއީ މިހާރު ާއްޖޭގައި އެންމެ އަރަމުން އަންނަ އެއް އެތުލީޓުވެސް މެއެވެ.

މޮސްކޯއަށް ކުރި ދަތުރުގައި އިއްބަޑޭގެ ދަތުރު ހަރަދާއި ހުރުންވެސް ހަމަޖައްސާނީ ރަޝިއަން ސްޕޯޓްސް ފެޑަރޭޝަނުންނެވެ. އަދި ނާއިފްގެ ހަރަދުތައް ހަމަޖައްސަނީ އެމްއެޗްއެސްއޭއިންނެވެ.

އިއްބަޑޭ ބުނީ ހައިޑްރޯފެސްޓްގައި ރާއްޖެ ތަމްސީލުކުރަން ފުރުސަތު ލިބުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށާއި، ނާއިފް އިވެންޓްގައި ބައިވެރިވުމަކީ ރާއްޖޭގައި ކުޅިވަރުގެ އާޖީލެއް ބިނާވަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ. އަދި ރަޝިއާގެ މުބާރާތާއެކު އިތުރު ބަޔަކަށް ހައިޑްރޯ ސްޕޯޓްސްއިން ކުރިއެރުމަށް ހިތްވަރު ލިބޭނެ ކަމަށްވެސް އިއްބަޑޭ ފާހަގަކުރިއެވެ.