މާލޭގެ އިރުމަތީ ފަރާތުގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މިހާރުގެ ކުރިއެރުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުގެ ތެރެއިން، ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއްގައި މިހާރު ވަނީ ތާރު އަޅައި ނިންމައިފައެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް ރޭ ދަންވަރު ވަނީ އެއްކޮށް ނިންމާލައިފައެވެ.

ރައީސް މުއިއްޒު މި މަސައްކަތް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ ސީއީއޯ ޑީސީޕީ އަހުމަދު ސައުދީގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ޒިޔާރަތުގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ގޮތާމެދު ރައީސް ކަމާބެހޭ ފަރާތތްކާ މަޝްވަރާ ކުރެއްވިއެވެ.

މިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ މަަޝްރޫއެކެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން، ފޮރިން މިނިސްޓްރީން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ނިޔަލަށް ކުރިއަށްދާނެއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ މަސައްކަތްތައް އެއްކޮށް ނިންމައި މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އާންމުންނަށް ހުޅުވާލުމަކީ އެ ކުންފުނީގެ އަމާޒެވެ. އެގޮތުން މިހާރުވެސް ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި، އެ ސަރަހައްދު އާންމުންނަށް ވަނީ ހުޅުވާލައިފައެވެ.

މި މަޝްރޫއުގެ ދަށުން މަގު ދެގުނަ ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، މަގުގެ އެއް ފަޅީގައި ޕާކުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި މަސްވެރިންގެ ޕާކު ސަރަހައްދެއްވެސް މި މަޝްރޫއުގެ ތެރެއިން ގާއިމުކުރެވޭނެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ މައި އިމާރާތް ކުރިމަތީގައި ސައިކަލް ޕާކްކުރެވޭނެ ހާއްސަ ޖާގައެއްވެސް ހިމެނިފައިވެއެވެ.

މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެއެވެ.