މެދުއިރުމަތީގެ މަސްރަހު ގޯސްވެފައިވާތީ، އީރާނާއި އިރާގު އަދި ލުބުނާނުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރުމަށް ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީ (އީއޭއެސްއޭ) އިން ކޮމާޝަލް އެއާލައިންތަކަށް މިއަދު އަންގައިފިއެވެ.

އީއޭއެސްއޭ އިން ނެރުނު ކޮންފްލިކްޓް ޒޯން އިންފޮމޭޝަން ބުލެޓިންގައި ބުނެފައިވާ ގޮތުގައި، މި ތިން ގައުމުގެ މަތިން އުދުހުން މަނާކޮށްފައިވަނީ އަންނަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ފިޔަވަޅު އަޅަން ޖެހުނީ އެ ސަރަހައްދުގައި އަސްކަރީ ހަމަލާތައް ބަދަލުކުރުމުގެ ފުރުސަތު ބޮޑުވުމާއި، ހަމަލާތައް މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުންތައް ރޫޅިދާނެކަމުގެ ބިރު އޮތުމުން ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.

އެ އިދާރާއިން އިތުރަށް ބުނި ގޮތުގައި، އީރާނުގެ އަސްކަރިއްޔާ އޮތީ ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށްވުމުން، މަދަނީ ބޯޓުތައް އޮޅުމަކުން ޓާގެޓްވުމުގެ ނުރައްކާ އެބައޮތެވެ. އަދި ލުބުނާނާއި އިރާގުގެ ވައިގެ ސަރަހައްދުގައިވެސް ހަމަނުޖެހުންތަކުގެ ސަބަބުން ނުރައްކާތައް ހުރިކަމަށް އީއޭއެސްއޭ އިން ބުންޏެވެ.

މި އެންގުމާއެކު، ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން މިހާރު ވަނީ އެ ސަރަހައްދުތަކުން ދަތުރުކުރުން ހުއްޓާލައި، ރޫޓުތައް ބަދަލުކޮށްފައެވެ. މީގެ ސަބަބުން ޔޫރަޕާއި އޭޝިއާ އަދި މެދުއިރުމައްޗަށް ކުރާ ދަތުރުތަކުގެ ވަގުތު ދިގުވެ، އެއާލައިންތަކުގެ ހަރަދުތައް ބޮޑުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިން އީއޭއެސްއޭ އިން ވަނީ ބަހްރެއިން، ކުވައިތު، އިސްރާއީލު، އުރުދުން، ގަތަރު، އޮމާން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި ސަމާލުވުމަށް އަންގައިފައެވެ. ނަމަވެސް މިއަދު ނެރުނު ބުލެޓިންއާއެކު އެ އެންގުން ވަނީ ބާތިލުކޮށްފައެވެ. އީއޭއެސްއޭ އިން ބުނީ މަސްރަހަށް އަންނަ ބަދަލުތައް ގާތުން ބަލަމުންދާނެ ކަމަށާއި، ހާލަތު ބަދަލުވެއްޖެނަމަ އިތުރު އެންގުންތައް ނެރޭނެ ކަމަށެވެ.