ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި، ގއ. ދާންދޫ، ޒައިނާ އަބްދުﷲ، އަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ޒައިނާ އަކީ ބޭންކިން އާއި ފައިނޭންސްގެ ދާއިރާގައި، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާގެ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. ޕީސީބީގެ ބޯޑަށް އައްޔަން ކުރެއްވީރު އޭނާ އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންއެވެ.

އެމްއައިބީ އާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕީސީބީގެ ސީނިއާ އޮފިސަރެއްގެ މަގާމުވެސް އަދާކުރައްވައިފައެވެ.

ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވައިފައެވެ. އަދި އިންޑިއާގެ ޔުނިވަސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައިވެސް ވެއެވެ.

ޒައިނާއަށް މަޖިލީހުން ރުހުންދޭން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ޒައިނާއަށް އިތުބާރު ކުރިއަސ ޕީސީބީއަށް އިތުބާރު ނުކުރައްވާކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްވީ ރުންދޭން ނުފެންނަ ކަމަށެވެ.