ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި (މީސްލްސް) ކޮންތްރޯލް ނުކުރެވިގެން ނޫޅުއްވާ ކަމަަށް، މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރާއި މިނިސްޓަރު ފެއިލްވެފައިވޭތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ.އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ހިމަބިހި ކޮންމެސް ވަރަކަށް ރާއްޖޭގައި ފެންނަމުން އެބަދޭ، މިއަހަރުގެ މިހާތަނަށް އަޅުގަނޑުމެންގެ އާބާދީގެ ތެރެއިން، ހާއްސަކޮށް މާލޭ ސަރަހައްދުގައި، އަތޮޅު ތެރެއިން ނޫން 100 އެއްހާ މީހުން މިހާތަނަށް ފެނިފައިވަނީ،"

މިނިސްޓަރު ވިދާޅުވީ، ހިމަބިއްސަކީ ވަރަށް ކުރު މުއްދަތެއްގައި އެމީހާގެ ގައިން އަނެއް މީހާގެ ގަޔަށް އަރާ ބައްޔެއް ކަމަށްވާތީ، އެ ބަލި ފަސޭހަވާން ނަގާ މުއްދަތު ވަރަށް ކުރުވާނެ ކަމަށެވެ.

"އެހެންކަމުން އެ ބައްޔަކީ މިއަދު އަޅުގަނޑުމެނަށް، އާދަޔާ ހިލާފަށް ފެތުރެމުންދާ، ނޫނިއްޔާމު ބަލި ކޮންޓްރޯލް ނުކުރެވިގެން އުޅޭ ބައްޔެއް ނޫން،"

ނަމަވެސް ކޮންމެ ބައްޔަކީވެސް އެބައްޔަކާ ބެހޭގޮތުން ސަލާމަތީ ފިޔަވަޅުތައް އަޅައި ކޮންޓްރޯލް ކުރުމަށް މަސައްކަތްތައް ކުރާނެ ބައްޔެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓާރު މިހެން ވިދާޅުވެފައިވާ އިރު، ހިމަބިހި ކޭސްތައް އިތުރުވެ، އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު 121 އަށް އަރައިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.

އެޗްޕީއޭއީން ބުނީ މިދިޔަ ހަފުތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށާއި އެއާ އެކު، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 121 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށްވެސް ބުންޏެވެ.