ރާއްޖެގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ހެދޭނެ މެޑިކަލް ޔުނިޓެއް ގާއިމް ކުުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ޕޯސްޓްމޯޓަމްގެ ހިދުމަތް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފުރަތަމަ ފަހަރަށް ލެވެލް ދޭއްގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ރާއްޖޭގައި ގާއިމް ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން "މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އިން ފަށާފައިވާ ކަމަށެވެ.
"މި އުނިޓް ގާއިމް ކުރުމުން މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކުލިނިކަލް ފޮރެންސިކް ހިދުމަތްތަކާއި މެޑިކޯ ލީގަލް ޕޯސްޓް މޯޓަމްގެ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެެރެއިން އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ،"
މި ޔުނިޓުން ފޯރުކޮށްދޭނެ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި ޝަރުއީގޮތުން ބަލަންޖެހޭ މަރުގެ މަރުގެ މައްސަލަތަކުގައި، މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލު ކުރުމާއި ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީލު ކުރުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ލާއިންސާނީ އަނިޔާތަކާއި ބަންދުގައި ތިބޭ މީހުންނަށް ކުރެވޭ އަނިޔާތައް ތަހުލީލު ކުރުމާއި ޝަރުއީ އަދި އިންޝުއަރެންސް ބޭނުމަށްޓަކައި މީހަކަށް ލިބިފައިވާ އަނިޔާގެ މިންވަރު ވަޒަންކޮށް ދިނުމުގެ ހިދުމަތް ވެސް މި އުނިޓުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މި އުނިޓް ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ބަޖެޓާއި އެ ހިދުމަތްތައް ގާއިމް ކުރަން ބޭނުންވާ ބިންވެސް މިހާރު ލިބިފައިވާ ކަމަށެވެ.
ފޮރެންސިކް ތަހުލީލުތަކާއި ޕޯސްޓް މޯޓަމްގެ ހިދުމަތްތަކަކީ ރައްޔިތުންގެ އިހުސާސްތަކާ ގުޅުންހުރި ވަރަށް ހައްސާސް ހިދުމަތެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖޭން ފޮނުވި ކޭސްތަކާ ގުޅިފައި ވަނީ ވެސް މެޑިކޯލީގަލްގެ ހައްސާސް މައްސަލަތައް ކަމަށެވެ.
"އެހެންކަމުން މިފަދަ ހިދުމަތެއް ގާއިމް ކުރުމަށް ދުރާލާ ތައްޔާރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ މުހިއްމު ފިޔަވަޅުތަކެއް އަޅަންޖެހޭ. މިފަދަ ހިދުމަތެއް ރާއްޖޭގައި ތައާރަފު ކުރަންވާނީ އެންމެ ފެންވަރު ރަނގަޅު ގޮތުގައި ހިދުމަތް ފޯރުކޮށްދެވޭނެ އެންމެހާ ވަސީލަތްތަކާއި އިންތިޒާމުތައް ފުރިހަމަވެގެން އެގޮތުން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން އެކަމާ ގުޅޭ ގަވައިދު އެކުލަވާލުން ލާޒިމްކުރޭ،"
އެހެންކަމުން ކަމާބެހޭ ގަވާއިދު މިހާރު އޮތީ ގެޒެޓް ކުރުމުގެ މަރުހަލާގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ވޭތުވެ 10 އަހަރު ދުވަހުގެ ތަފާސްހިސާބަށް ބަލާއިރު، ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވާފައިވަނީ 23 ހަށިގަނޑެއް ކަމަށެވެ. މި ހިދުމަތް ރާއްޖޭން ހޯދަން ކުރެވޭ ހަރަދަށް ބަލާއިރު އިންޑިއާގެ ޓްރިވެމްޑްރަމްއަށް ހަށިގަނޑު ފޮނުވައިގެން ޕޯސްޓް މޯޓަމް ހަދަން ކޮންމެ މީހަކަށް 55،000 ރުފިޔާ ހޭދަވި ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ކޮމެންޓް