މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށްގެންދާ ތިލަމާލެ ބުރިޖު މަޝްރޫއުގެ 74.90 ޕަސަންޓު މަސައްކަތް މިހާރު ނިމިއްޖެއެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން 2022 ވަނަ އަހަރު ފެށި މި މަޝްރޫއަކީ، މާލެ ސަރަހައްދުގައި މިވަގުތު ކުރިއަށްދާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގުމިނުގެ ކަނެކްޓިވިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ އިރު، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް އަންނާނީ ބާރަށް ކުރިއަށް ގެންދަމުންނެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި މިހާރު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބުރިޖުގެ ތަނބުތައް ގުޅާލުމަށް އަޅަންޖެހޭ ޑެކްތައް އިންސްޓޯލް ކުރުމުގެ މަސައްކަތެވެ. އެގޮތުން ބްރިޖު ޑެކަށް ބޭނުންވާ ޖުމްލަ 1222 ސެގްމަންޓުގެ ތެރެއިން 90.4 ޕަސަންޠި ސެގްމަންޓް މިހާރު ކާސްޓުކޮށް ނިމިފައިވާއިރު އޭގެ ތެރެއިން 72.9 ޕަސަންޓު ސެގްމަންޓް މިހާރު އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށް ބުންޏެވެ.

ހައުސިން މިނިސްޓްރީން ބުނީ މިވަގުތު ބްރިޖުގެ މެދުން ގުޅޭ ސެގްމަންޓް ޑެކްގެ މަސައްކަތް ފިޔަވައި، އެހެން ހުރިހާ ބައެއްގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ގުޅިފަޅުގައި ބުރިޖާ ގުޅޭ މަގުތައް ހެދުމާއި ތިލަފުށީގައި ބުރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.

އެކި ސަބަބުތަކާ ހުރެ މަޝްރޫއު ލަސްވި ނަމަވެސް، 2027ވަނަ އަހަރުގެ ނިޔަލަށް މުޅި މަޝްރޫއު ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.

މި ބިޔަ މަޝްރޫއަށް ޖުމްލަ 500 މިލިޔަން ޑޮލަރު ނުވަތަ ހަތް ބިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ހިލޭ އެހީއާއި 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.