2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ޕެރަގުއޭ ބަލިކޮށް ފްރާންސްގެ ގައުމީ ފުޓުބޯޅަ ޓީމު ކުއާޓަރ ފައިނަލަށް ދަތުރުކުރުމާ ގުޅިގެން، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެއްޖެއެވެ.
އެކްސް ގައި އަމީތާބް ކުރި ޕޯސްޓުގައި ފްރާންސް ޓީމުގެ 11 ކުޅުންތެރިންގެ ތެރެއިން 10 ކުޅުންތެރިންނަކީ ކަޅު ނަސްލުގެ ކުޅުންތެރިން ކަމަށާއި، އެއީ ކަޅު ނަސްލުގެ ބާރު ކަމަށް ވަނީ ސިފަކޮށްފައެވެ.
އަމީތާބްގެ ޕޯސްޓުގައި ލިޔެފައިވަނީ، ފްރާންސްގެ ވޯލްޑް ކަޕް ޓީމުގެ 11 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކަޅު 10 ކުޅުންތެރިންނާއި އެންމެ ދޮން ކުޅުންތެރިއެއް ކަމަށާއި، މިއީ ކަޅު ނަސްލުގެ ބާރު ކަމަށެވެ. މި ޕޯސްޓު ވައިރަލްވުމާއެކު، ގިނަ ބަޔަކު ވަނީ މިއީ ނަސްލީ ގޮތުން ހިތްހަމަނުޖެހޭ ފަދަ އިބާރާތްތަކެއް ކަމަށް ބުނެފައެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅުންތެރިން ތަމްސީލުކުރަނީ އެ ކުޅުންތެރިންގެ ގައުމު ކަމަށާއި، ކުޅުންތެރިންގެ ހަމުގެ ކުލައަށް ނިސްބަތްކޮށް ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މި މައްސަލައިގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި، ކުޅޭ ދަނޑުމަތީގައި ކުލައަކަށް ނުވަތަ ނަސްލަކަށް މުހިންމުކަމެއް ނޯންނާނެއެވެ. އަދި ފްރާންސް ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ އެފްރިކާ ނުވަތަ ކެރީބިއަން ދަރިކޮޅަށް ނިސްބަތްވި ނަމަވެސް، ފްރާންސްގައި އުފަންވެ ބޮޑުވެފައިވާ ކުޅުންތެރިންކަން ބައެއް މީހުން ފާހަގަކުރިއެވެ. މީގެ އިތުރުން، 2018 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކުރުމުންވެސް އަމީތާބް ވަނީ އެފްރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފި ކަމަށް ބުނެ ޕޯސްޓެއް ކޮށްފައެވެ. އެ ފަހަރުވެސް އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
ބައެއް ފަރާތްތަކުން އަމީތާބް ދިފާއުކޮށް، އޭނާ ހަމައެކަނި ހަގީގަތެއް ހާމަކުރީ ކަމަށް ބުނި ނަމަވެސް، ގިނަ ބަޔަކު ދަނީ އޭނާ ބޭނުންކުރި އިބާރާތްތަކާމެދު ނުރުހުން ފާޅުކުރަމުންނެވެ. އާންމުންގެ ފާޑުކިޔުންތައް އަމާޒުވަމުން ދިޔަ ނަމަވެސް، އަމީތާބް ބައްޗަންގެ ފަރާތުން ނުވަތަ އޭނާގެ ޓީމުން މިހާތަނަށް އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
އަމީތާބް ބަޗަން
ކޮމެންޓް