އެމެރިކާއިން ތުރުކީއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައްވާނެ ކަމަށާއި، އެ ގައުމަށް އެފް-35 މަރުކާގެ ފައިޓާ ޖެޓު ވިއްކުމާމެދު ވިސްނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ތުރުކީގެ ވެރިރަށް އަންކާރާގައި ކުރިއަށްދާ ނޭޓޯ ސަމިޓުގެ ހަވާސާގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންއާއެކު ބޭއްވެވި ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާގެ ގާތް އެކުވެރި ގައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ބޭނުންވާ ގޮތެއް ނޫނެވެ. އަދި އެފް-35 ޖެޓުތައް ތުރުކީއަށް ވިއްކުމަކީ ކުރެވިދާނެ ކަމެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ. އުރުދުގާން ވިދާޅުވި ގޮތުގައި، ފަސް ޖެޓު ދިނުމަށް ޓްރަމްޕް ވަނީ ވައުދުވެވަޑައިގެންފައެވެ.
ރޮއިޓާސް ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 2020 ވަނަ އަހަރު އެމެރިކާއިން ތުރުކީއާ ދެކޮޅަށް ފިޔަވަޅު އެޅީ، ރަޝިއާގެ އެސް-400 މަރުކާގެ މިސައިލް ދިފާއީ ނިޒާމެއް ތުރުކީން ގަތުމާ ގުޅިގެންނެވެ. އެއާއެކު، އެފް-35 ޖެޓު އުފައްދާ ޕްރޮގްރާމުން ވެސް ތުރުކީ ވަނީ ބޭރުކޮށްފައެވެ. ނަމަވެސް، ޓްރަމްޕް ވިދާޅުވީ ތުރުކީއަކީ އެހެން ގައުމުތަކަށް ވުރެ ބޮޑަށް އެމެރިކާއަށް ވަފާތެރި ގައުމެއް ކަމަށެވެ.
ޓްރަމްޕްގެ މި ނިންމެވުމާ ގުޅިގެން އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދެ ޕާޓީގެ މެންބަރުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ދިފާއީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ތުރުކީގައި ރަޝިއާގެ ދިފާއީ ނިޒާމު އޮތްހާ ހިނދަކު، އެމެރިކާގެ ގާނޫނުތައް ބުނާ ގޮތުން އެފް-35 ޖެޓުތައް އެ ގައުމަކަށް ނުވިއްކޭނެއެވެ. އެހެންކަމުން، ގާނޫނުހަދާ މަޖިލީހުގެ ރުހުމާ ނުލައި މިކަން ކުރުމަކީ ޓްރަމްޕަށް ކުރިމަތިވެވަޑައިގަންނަވާނެ ބޮޑު ގޮންޖެހުމެކެވެ.
މީގެ އިތުރުން، މި މައްސަލައިގައި ގްރީސް އަދި އިސްރާއީލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ގައުމުތަކުން ދެކޭ ގޮތުގައި ތުރުކީއަށް މި ޖެޓުތައް ލިބުމަކީ ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކަލެކެވެ. މިހާރު މި މައްސަލަ އޮތީ އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ނިންމުމެއްގެ މައްޗަށް ބިނާވެފައެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް