ޗައިނާގެ އިނަރ މޮންގޯލިއާގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ ލީ ޖިއަންޕިންގެ މައްޗަށް 3 ބިލިއަން ޔުއާން (ގާތްގަނޑަކަށް 324 މިލިއަން އެމެރިކާ ޑޮލަރު) ގެ ހިޔާނާތުގެ ކުށް ސާބިތުވެ، އޭނާ މަރަން މިއަދު ހުކުމްކޮށްފިއެވެ.
ހޮހޮޓް އިންޓަމީޑިއަޓް ޕީޕަލްސް ކޯޓުން އިއްވި މި ހުކުމުގައި ބުނެފައިވަނީ، ލީގެ މައްޗަށް ސާބިތުވެފައިވަނީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވުމާއި، ރިޝްވަތު ހިފުމާއި، އަދި ކުށްކުރާ ގްރޫޕްތަކާ ގުޅިގެން ގައިރު ގާނޫނީ އަމަލުތައް ހިންގުމުގެ ކުށް ކަމަށެވެ. ލީ އަކީ އިނަރ މޮންގޯލިއާގެ ހޮހޮޓް އިކޮނޮމިކް އެންޑް ޓެކްނޮލޮޖިކަލް ޑިވެލޮޕްމަންޓް ޒޯންގެ ކޮމިއުނިސްޓް ޕާޓީގެ ކުރީގެ ސެކްރެޓަރީއެވެ.
ކޯޓުގެ ލިޔެކިޔުންތަކާ ހަވާލާދީ ޗައިނާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ލީ ވަނީ 1.44 ބިލިއަން ޔުއާންގެ ދައުލަތުގެ ފައިސާ އަމިއްލަ ބޭނުމަށް ނަގައި، 577 މިލިއަން ޔުއާން ރިޝްވަތުގެ ގޮތުގައި ހޯދާފައެވެ. މީގެ އިތުރުން 1.05 ބިލިއަން ޔުއާން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން ވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.
މި މައްސަލައާ ގުޅޭގޮތުން ހޮހޮޓް އިންޓަމީޑިއަޓް ޕީޕަލްސް ކޯޓުން ފާހަގަކުރި ގޮތުގައި، ލީއަށް މަރުގެ ހުކުމް އިއްވަން ނިންމީ އޭނާ ހޯދާފައިވާ ނާޖާއިޒު ފައިދާގެ އަދަދު އިންތިހާއަށް ބޮޑުވުމާއި، މީގެ ސަބަބުން މުޖުތަމައަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާތީއެވެ. އަދި މިކަމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ރައީސް ޝީ ޖިންޕިންގެ ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ ހަރުކަށި ކެމްޕޭންގެ ދަށުން އެޅި ވަރަށް ވަރުގަދަ ފިޔަވަޅެކެވެ. މި ކެމްޕޭންގެ ދަށުން ޗައިނާގެ ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ގިނަ ބަޔަކު ވަނީ މަގާމުން ވަކިކޮށް، ހަރުކަށި އަދަބުތައް ދީފައެވެ.
ލީގެ މައްޗަށް އިއްވި މަރުގެ ހުކުމާއެކު، އޭނާގެ ހުރިހާ މުދަލެއް ދައުލަތަށް ނެގުމަށާއި، ސިޔާސީ ހައްގުތައް އުމުރަށް ނިގުޅައިގަތުމަށް ވެސް ކޯޓުން ވަނީ ނިންމާފައެވެ. މިއީ ފަހުގެ ތާރީހެއްގައި ޗައިނާގައި އިގުތިސާދީ ކުށެއްގައި މީހަކަށް ދިން އެންމެ ހަރުކަށި އެއް އަދަބެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ
ކޮމެންޓް