މިދިޔަ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 12 ޕަސެންޓް ދަށްވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުން، ޖޫން މަހު ރާއްޖެ އައިސްފައިވަނީ 125،000 ޓޫރިސްޓުންނެވެ. މިއީ އޭގެ ކުރީ އަހަރުގެ ޖޫން މަހު ރާއްޖެ އައި 143،000 ޓޫރިސްޓުންނާ އަޅައިބަލާއިރު 12 ޕަސެންޓްގެ ދަށްވުމެކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ އެއް މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއީ ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 1.1 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.

މިއަހަރު އެވްރެޖްކޮށް ދުވާލަކު 5،900 ޓޫރިސްޓުން އަންނަ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދުވާލަކު 300 ޓޫރިސްޓުން މަދު އަދަދެކެވެ.

ޓޫރިޒަމް ދާއިރާއަށް މި ހީނަރުކަން ކުރިމަތިވުމުގައި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރު ބޮޑުކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މިގޮތުން މާޗު މަހާއި އޭޕްރީލް މަހު ވެސް ޓޫރިސްޓުންގެ އަދަދު ވަނީ 20 އާއި 24 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށަށް ގޮސްފަ އެވެ. މެއި މަހު ޓޫރިސްޓުން އައި މިންވަރު ދެ ޕަސެންޓް އިތުރުވި ނަމަވެސް، ޖޫން މަހު އަނެއްކާވެސް މިވަނީ ދަށަށް ގޮސްފަ އެވެ. އާންމުގޮތެއްގައި މެއި މަހަކީ ޔޫރަޕްގެ މާކެޓުން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވެ، އޭޝިއާ ސަރަހައްދުން ޓޫރިސްޓުން އިތުރުވާ މަހެކެވެ.

މިއަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު މި އަމާޒަށް ވާސިލްވުމަށްޓަކައި ޓޫރިޒަމް ދާއިރާ އިތުރަށް ހަރުދަނާކޮށް، މާކެޓިން ހަރަކާތްތައް ވަރުގަދަކުރުމަށް ސަރުކާރުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ.