ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަން (މޮހަޕް) އިން، ޖަނަވާރުގެ ގުނަވަންތަކާއި ބަޔޯއިންޖިނިއަރ ކޮށްފައިވާ ގުނަވަންތައް އިންސާނުންނަށް ލެއްވުން (ޒީނޯޓްރާންސްޕްލާންޓޭޝަން) ރެގިއުލޭޓްކުރުމަށް އާ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. މި މަހުގެ 22 އިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އާންމުންގެ ހިޔާލު ހޯދުމުގެ މި މަސައްކަތަކީ، 2025 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ ގައުމުގެ ގުނަވަން ހަދިޔާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި އޮނިގަނޑުގެ ދަށުން، ޖަނަވާރުގެ ގުނަވަނެއް ނުވަތަ ޓިޝޫއެއް އިންސާނެއްގެ ގަޔަށް ލެއްވޭނީ ހަމައެކަނި އެއީ ބަލިމީހާއަށް ފަރުވާދިނުމަށް އޮތް އެންމެ އެކަށީގެންވާ ގޮތް ކަމަށް ވާނަމައެވެ. މިފަދަ އޮޕަރޭޝަންތައް ކުރެވޭނީ ހެލްތު މިނިސްޓްރީން ނުވަތަ ކަމާބެހޭ ސިއްހީ އިދާރާއަކުން ހާއްސަ ލައިސަންސެއް ހޯދައިގެންނެވެ.
ބުރްޖީލް މެޑިކަލް ސިޓީގެ ސްޕެޝަލިސްޓް ޖެނެރަލް ސަރޖަރީ އެންޑް ރީނަލް ޓްރާންސްޕްލާންޓް ސަރޖަން ޑރ. އުމަރު މަގްބޫލް ވިދާޅުވެފައިވާ ގޮތުގައި، މިފަދަ އޮޕަރޭޝަންތަކުގައި ބޭނުންކުރަނީ އާދައިގެ ޖަނަވާރުގެ ގުނަވަންތަކެއް ނޫނެވެ. އޭގެ ބަދަލުގައި ބޭނުންކުރަނީ ޖެނެޓިކް ގޮތުން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ގުނަވަންތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރީބައިގައި މިކަމަށް ގަވާއިދުތަކެއް ހެދުމުން، ބަލިމީހުންގެ ސަލާމަތާއި، އިންފެކްޝަން ކޮންޓްރޯލްކުރުމުގެ އިތުރުން އާންމުންގެ އިތުބާރު ހޯދުމަށް މަގުފަހިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ގަވާއިދުތަކުގެ ދަށުން، އިންސާނުން ނޫން އެހެން ތަކެތީގެ ގުނަވަން ބޭނުންކޮށްގެން ކުރާ ހުރިހާ އޮޕަރޭޝަންތަކާއި، ކްލިނިކަލް ޓްރަޔަލްތަކުގެ ނަތީޖާއާއި ސަލާމަތީ މައުލޫމާތު ރައްކާކުރުމަށް ގައުމީ ޑޭޓާބޭސްއެއް ގާއިމުކުރަން ޖެހެއެވެ.
މި ގަވާއިދުތަކާ ހިލާފުވާ ސިއްހީ މަރުކަޒުތަކާއި ޑޮކްޓަރުންނަށް ޖަލު އަދަބު ދިނުމުގެ އިތުރުން، 100،000 އިން ފެށިގެން ދެ މިލިއަން ދިރުހަމާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ޔޫއޭއީގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ
ޔޫއޭއީ
ކޮމެންޓް