ސީ-ޓު-އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް މިދިޔަ ޖޫން މަހު ރާއްޖެއިން ބޭރަށް ފޮނުވި މުދަލުގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.

އެމްޕީއެލުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ޖޫން މަހު އެކަނިވެސް 335 ޓަނުގެ މުދާ ވަނީ މި ހިދުމަތުގެ ދަށުން ރާއްޖެއިން ބޭރުކޮށްފައެވެ. މިއީ މި ހިދުމަތް ރަސްމީކޮށް ފެށި މޭ މަހު ފޮނުވި 162 ޓަނުގެ މުދަލާ އަޅާބަލާއިރު 102 ޕަސަންޓުގެ ބޮޑު ކުރިއެރުމެއްކަމަށް ތަފާސްހިސާބުގައި ފާހަގަކޮށްފައިވެއެވެ.

މިދިޔަ މަހު ރާއްޖެއިން ޓްރާންސިޓްކޮށް، ދުނިޔޭގެ ހަތް ގައުމަކަށް މި މުދާ ފޮނުވާފައިވަނީ ބައިނަލްއަގުވާމީ ހަތަރު އެއާލައިނެއް މެދުވެރިކޮށެވެ. އެއީ އެމިރޭޓްސް، ގަތަރު، ޓާކިޝް އަދި ސައުދިއާ އެއާލައިނެވެ.

މިދިޔަ މަހު ފޮނުވި މުދަލުގެ މިންވަރަކީ ކޮންޓެއިނަރުގެ އަދަދުން ބަލާނަމަ 65 ޓީއީޔޫސް ކަމަށް ތަފާސްހިސާބުގައިވެއެވެ.

.ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ، ބަނދަރުން ކްލިއާ ކުރުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންގޮސް، ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް ފޮނުވުމަށް ފަށާފައިވާ ހިދުމަތެކެވެ.

މިއީ އެމްޕީއެލް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން، 2024 މޭ މަހު ތައާރަފުކުރި ހިދުމަތެކެވެ.