މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، (މީރާ) ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނާ ގުޅޭގޮތުން އާއްމުންގެ ޝަކުވާއެއް އޮތް ނަމަ، ހުށަހަޅަން ހުޅުވާލައިފިއެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ ވަނީ މިއަދުގެ ޖަލްސާއަށް އިއްވައިފައެވެ.
އެ ސިޓީގައި ރައީސް ވިދާޅުވެފައިވަނީ، މީގެ ކުރިން ޓެކްސް ކޮމިޝަނަރަކަށް ހުންނެވި، މިހާރުގެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ޓެކްސް ކޮމިޝަނަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެމަގާމަށް ކުރިމަތި ލެއްވުމަށް އާއްމުކޮށް އިއުލާން ކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ދެބޭފުޅެއްގެ ނަމާއި އެބޭފުޅުންގެ މައުލޫމާތު މަޖިލީހަށް ފޮނުއްވާ ކަމަށެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ދެބޭފުޅުން:
- މުހައްމަދު ހަލީމް އަބްދުﷲ، ސާދާގެ / ހއ. ތަކަންދޫ
- ފާތިމަތު އަމީޒާ، ކޯޒީ ރައުންޑް / ގދ. ގައްދޫ
އެހެންކަމުން އެ ދެބޭފުޅުންގެ ތެރެއިން، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަން ކުރައްވާނެ ބޭފުޅެއްގެ ނަން މަޖިލީހުން ފާސްކޮށްދިނުމަށްވެސް އެދިވަދައިގެންފައިވެއެވެ.
މި މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅުމުން އިތުރަށް ދިރާސާކުރުމަށް އިގްތިސާދީ ކޮމިޓީއަށް ފޮނުވިއެވެ.
މި ކަމާބެހޭގޮތުން އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައިވަނީ، މިމަހު 14 ގެ ނިޔަލަށް އެމައްސަލަ ކޮމިޓީން ނިންމަން ފާސްކޮށްފައެވެ. އޭގެ އިތުރުން އެ ދެ ބޭފުޅުންނާ ބެހޭގޮތުން އާއްމުންގެ ޝަކުވާއެއް އޮތް ނަމަ، މިމަހު 12 ވަނަ ދުވަހުގެ 2:00 ގެ ކުރިން ހުށަހަޅަން އާއްމުކޮށް ހުޅުވާލުމަށްވެސް ކޮމިޓީން ނިންމިއެވެ.
އެ ނިންމުމާ ގުޅިގެން އާއްމުންގެ ޝަކުވާ އާއްމުކޮށް ހުޅުވާލުމަށް މަޖިލިސް އިދާރާއިން ކުރި އިއުލާންގައި ވަނީ، ކޮމިޓީން ކަނޑައަޅާފައިވާ މުއްދަތުގައި އެ ދެބޭފުޅުންނާ ބެހޭގޮތުން ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމި އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު އެނގޭނެގޮތަށް، ކޮމިޓީއަށް މެއިލް ކުރުމަށް، ނުވަތަ މަޖިލިސް އިދާރާއަށް ލިއުމުން ފޮނުވުމަށް އެދިފައެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން މަޖިލީހަށް ފޮނުއްވި ދެބޭފުޅުންގެ ތެރެއިން، ހަލީމަކީ ޔުނިވަސިޓީ އޮފް ލަންޑަން އިން ޕްރޮފެޝަނަލް އެކައުންޓެންސީގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައި، އެކައުންޓިން ދާއިރާގައި ގިނަ ދުވަހުގެ ތަޖުރިބާހުރި ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ސީއޭ މޯލްޑިވްސްގެ ރައީސްގެ މަގާމުގައެވެ.
އަމީޒާއަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ.
އިބްރާހިމް ޒަކީ
މަޖިލީހުގެ އިގްތިސޯދީ ކޮމެޓީ
މަޖިލީހުގެ އިގްތިސޯދީ ކޮމެޓީ
މަޖިލީހުގެ އިގްތިސޯދީ ކޮމެޓީ
ކޮމެންޓް