(29 ޖޫންގެ އަދަދާ ގުޅޭ)

މީހުންތައް ބުނެފިއެވެ. "ތިޔަހެންވީއިރު ދެން އަޅުގަނޑުމެން ކިޔާނީ ކީކޭތޯއެވެ؟ ولــيــد ބުންޏެވެ. "ކަލާނގެތައް ގަންދެމެވެ. އެކަލޭގެފާނުގެ ވާހަކަފުޅު ވަރަށް ފޮންޏެވެ. އެވާހަކަފުޅުގެ މޫތައް ހުންނަނީ ބިމަށް ވަރުގަދަޔަކަށް ދުވެފައެވެ. ފިސާރިޔަކަށް ބިމުގައި ހަރުލައިފައެވެ. އެވާހަކަފުޅުގެ ގޮފިތައްވަނީ އުޑާހަމަޔަށް މައްޗަށް ހެދިފައެވެ. މާއަޅައި މޭވާގެންފައެވެ. ޝައްކެއްނެތެވެ. ތިޔަބައިމީހުން ތިޔަދެއްކި ހުރިހައި ވާހަކަތަކަކީވެސް އަހަރެންގެ ނަޒަރުގައި ހައްތާވެސް ބާޠިލު ވާހަކަތަކެވެ. ޝައްކެއްނެތެވެ. އެކަލޭގާފާނާ ބެހޭގޮތުން އެންމެ މުނާސަބު ބުނުމަކަށްވާނީ ޖާދޫގަރެކޭ ބުނުމެވެ. އެކަލޭގެފާނު ހުށަހަޅުއްވާ ކަލާމްފުޅަކީ ޖާދޫއެކެވެ. އޭގެސަބަބުން ބައްޕަޔާއި ދަރިފުޅު ވަކިވެއެވެ. ދެމަފިރިން ވަރިވެއެވެ. ޢާއިލާތައް ރޫޅި ބައިބައިވެއެވެ." އެންމެންވެސް އެވާހަކަޔާ އެއްބަސްވެގެން ބައްދަލުވުން ނިންމައިލައިފިއެވެ.

ބައެއް ރިވާޔަތްތަކުގައިވެއެވެ. އެންމެން ހުށަހެޅި ހުށަހެޅުންތައް ولــيــد ރައްދުކުރުމުން قـــــريـش ން ولــيــد ގެ ގާތުގައި ބުންޏެވެ. "އެހެންވީއިރު ކަލޭގެފާނު ކުށެއް އައިބެއްނެތް ހުށަހެޅުއްވުމެއް ހުށަހަޅުއްވައިދެއްވާށެވެ" ولــيــد ޖަވާބުދިނެވެ. "އަހަރެން ކުޑައިކޮށް ވިސްނައިލިޔަދޭށެވެ." އޭނާ ވިސްނަމުން ގެންދިޔައެވެ. ވިސްނަމުން ދިޔައެވެ. އޭނާ އިސްވެދެންނެވި ރައުޔު ހުށަހެޅީ ވަރަށްބޮޑަށް ވިސްނައި ފިކުރުކުރުމަށްފަހުގައެވެ.

ســـــورة المــــدّثــّــــر ގެ އެގާރަވަނަ އާޔަތުން ފެށިގެން ސައްބީސްވަނަ އާޔަތުގެ ނިޔަލަށް ބާވައިލައްވައިފައިވަނީ ولــيــد بـــن المــغــــيـــرة އާ ބެހޭގޮތުންނެވެ. އޭގެތެރެއިން ބައެއް އާޔަތްތަކުގައިވަނީ އޭނާ ވިސްނުން ގެންގުޅު ގޮތްތައްވެސް ބަޔާންކުރައްވައިފައެވެ.

"ހަމަކަށަވަރުން އޭނާ ވިސްނައި ފިކުރުކޮށް ރޭވިއެވެ. ފަހެ، އޭނާއަށް ލަޢުނަތް ލެއްވިއެވެ. އޭނާ ރޭވީ ކޮންފަދަޔަކުން ހެއްޔެވެ؟ ދެން އޭނާ ބަލައި ވިސްނިއެވެ. ދެން އޭނާ މޫނު ކުނިކޮށްލިއެވެ. އަދި މޫނު ހެދިއެވެ. ދެން އޭނާ ފުރަގަސްދިނެވެ. އަދި ބޮޑާވެގަތެވެ. ފަހެ، އޭނާ ބުންޏެވެ. ޖާދޫގަރުންގެ ކިބައިން އައިސްފައިވާ ޖާދޫއެއްކަމުގައި މެނުވީ قــــــرآن ނުވެއެވެ." (المــــدّثــّــــر: 25-18)

ކޮންމެއަކަސް قـــــريـش ންގެ ސައްލާއިން ފާސްވީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަކީ ޖާދޫގަރެއްކަމުގައި އަޑުއަރުވާށެވެ. އެބައިމީހުން އެކަމަށް ޢަމަލީސިފަ ގެންނާން ނުކުމެގަތެވެ. قـــــريـش ވަންހައިގެ ކާފަރުން ޙައްޖާޖީން މައްކާއަށް އަރާ ހުރިހައި މަގުތަކަކަށް ފެތުރިގަތެވެ. މަގުތަކުގައި ޖާގަޖަހައިގެންތިބެ ޙައްޖަށް އަންނަ މީހުންނަށް ރަޙްމަތުގެ ނަބިއްޔާصــلّـــــى اللّــــه عــلـيــــه وســلّـــــم ގެ "ނުރައްކައުތެރިކަން" ވިސްނައިދިނުމުގެ މަސައްކަތް ފަށައިގަތެވެ.

އެމަސައްކަތުގައި ސަރުދާރުވެ ކުރިޔަށް ނުކުމެހުރީ أبـــولــهب އެވެ. ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ރަޙްމަތުގެ މުހިންމަތު ތަބްލީޣުކުރައްވާއިރު އޭނާ ހުންނަނީ އެމާތް ސާހިބާގެ ހިޔަނިފުޅެކޭ އެއްގޮތަށް ފަހަތްޕުޅުގައި ޖައްސައިލައިފައެވެ. ޙައްޖާޖީންގެ ފޭލިގެތަކުގެ ތެރޭގައެވެ. ޢުކާޒުގެ ބާޒާރާއި މަޖިންނާގެ ބާޒާރާއި ޒުލްމަޖާޒުގެ ބާޒާރުމަތީގައެވެ. أبـــولــهب ގޮވަމުން ގެންދެއެވެ. "އޭ މީސްތަކުންނޭވެ! މީނާގެ ވާހަކަ އަޑުނާހާށެވެ! މީނާއަކީ ދޮގުވެރިޔެކެވެ. ލާދީނީ މީހެކެވެ."

أبـــولــهب އަވީގައި އެ ދުވުނު ދުވުމުންވެސް ރަޙްމަތުގެ ދީނުގެ ތަބްލީޣަށް ލިބުނީ ފައްސި ކުރިއެރުމެކެވެ. އެހެނީ ޙައްޖާޖީން އެނބުރި ރަށަށް ދިޔުމާއެކު މުޅި ޢަރަބި ބައްރަށްވަނީ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ނަބީކަމަށް ދަޢުވާކުރައްވާކަމުގެ ޚަބަރު ފެތުރި ޢާންމުވެފައެވެ. (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)

قـــــريـش ންގެ އަނިޔާ މުސްލިމުންނަށް

ރަޙްމަތުގެ ދީނުގެ މުހިންމަތު މަޑުޖެހިލުމެއްނެތި ފެތުރޭން ފެށުމުން قـــــريـش ންގެ ގާތަށް އަންނާންފެށީ އަމަށަކު ރުޅިޔެއް ނޫނެވެ. قـــــريـش ވަންހައިގެ ކޮންމެ ޤަބީލާއަކުންވެސް އެޤަބީލާއަކުން އިސްލާމްވީ މީހުންނަށާއި އެޤަބީލާއެއްގެ ބާރުފޯރާ މީހުންގެ ތެރެއިން އިސްލާމްދީން ޤަބޫލުކޮށްފައިވާ މީހުންނަށް ސުމާރެއް ނެތްވަރަށް އަނިޔާކުރާން ފަށައިގަތެވެ. ތިރީގައި މިވަނީ އިސްލާމްދީނާހުރެ އަނިޔާ ލިބިވަޑައިގެންނެވި ބޭބޭކައުކަނބަލުންގެ މައްޗަށް ހިންގައިލި އަވަސް ނަޒަރެކެވެ.

1. خَـــبّــابُ بــــن الأرتّ تـمـيـمــى رضــــــى اللّــــه عــنـــــه: އެކަލޭގެފާނަކީ ޖާހިލިއްޔަ ޒަމާނުގައި ބަޔަކު އަޅުވެތިކޮށް ވިއްކައިލި ބޭކަލެކެވެ. އެކަލޭގެފާނަކީ ކުރައްވާ މަސައްކަތްޕުޅަށް ބަލާއިރު ކަނބުރެކެވެ. މައްކާގެ އަހްލުވެރީންގެ ތެރެއިން އެކަލޭގެފާނު ގަނެގެން އުޅުނީ ޚުޒާޢަތުވަންހައިގެ އަންހެނެއް ކަމުގައިވާ أمّ أَنْــمَـــارُ އެވެ ކިޔުނު މީހެކެވެ. އެކަލޭގެފާނަކީ السّــابــقــــون الأوّلـــون ގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އިސްލާމީ ދަޢުވަތުގެ މަރުކަޒެއްގެގޮތުން دارالأرقـــم ގައި މަސައްކަތްޕުޅު ކުރައްވައި އުޅުއްވި ދުވަސްވަރުއެވެ. قـــــريـش ން އެކަލޭގެފާނަށް އަނިޔާކުރުމުގައިވަނީ އަލިފާންގަނޑެއް ފަތުރައިފައި އޭގެމަތީގައި އެކަލޭގެފާނު އުޑުތިލަފުޅުމަތީން ބާއްވައިފައެވެ. އެކަލޭގެފާނު ތެދުވެވަޑައިގެންނެވިޔަ ނުދޭން މޭފުޅުމައްޗަށް މީހަކު އަރައިފައި ހުއްޓެވެ. އަލިފާންގަނޑު ނިވުނީ އެކަލޭގެފާނުގެ ހަށިކޮޅުގައި ފިހިފައިހުރި ތަނުން ފޭބި ތެލުންނެވެ.

خَـــبّــابُ رضــــــى اللّــــه عــنـــــه އެއްދުވަހަކު عــمـــــر رضـــــى اللّــــه عــنـــــه އެދިވަޑައިގެންނެވުމުން އެކަލޭގެފާނުގެ ބުރިކަށިފުޅު ދެއްކެވިއެވެ. ބުރިކަށިފުޅު ހުރީ ބަރުސްބަލި ޖެހިފައިވާ މީހަކު ފަދައިން މުޅީން ހުދުވެފައެވެ. خَـــبّــابُ رضــــــى اللّــــه عــنـــــه އިސްލާމްވެވަޑައިގެންނެވިއިރު قـــــريـش ވަންހައިގެ އެތައްބަޔެއް އެކަލޭގެފާނު ލައްވައި އެކިއެކި މަސައްކަތް ކުރުވައިފައި އުޖޫރަނުދީ ތިއްބެވެ. خَـــبّــابُ އެއުރެންގާތުން އުޖޫރަޔަށް އެދިވަޑައިގެންނެވުމުން އެކަކުވެސް އިޖާބައެއް ނުދިނެވެ. އެބައިމީހުން ޖަވާބުދިނެވެ. "ތިބާ محــمّــــد (صــلّـــــى اللّــــه عــلـيــــه وســلّـــــم) އިންކާރު ކުރާށެވެ. އެހެންނޫނީ އެންމެ ލޯލާރިޔެއްވެސް ނުދޭނޫއެވެ." މިއީ قـــــريـش ން އެކަލޭގެފާނަށްކުރި މަޢީޝީ އަނިޔާއެކެވެ. ނަމަވެސް އަރަހުށި މާތް اللّــــه ގެ ތެދުވެރި ޢާޝިޤު ފިސާރި ސާބިތުކަމާއެކު ޖަވާބު ދެއްވިއެވެ. "އެހެން ހެއްޔެވެ. ތިޔަބައިމީހުން މަރުވެފައި އަލުން ނުދިރެނީހެއް ތިޔަކަމެއް ނުވާނެއެވެ."

2. بِـــلال حبشىــى رضــــــى اللّــــه عــنـــــه (بِـــلال بــــن ربــاح رضــــــى اللّــــه عــنـــــه): އެކަލޭގެފާނަކީ قـــــريـش ވަންހައިގެ ބޮޑުންކުރެ أمــيّـــــة بـــن خــلـف الْجـُــمَـحِـــى ގެ އަޅެކެވެ. بِـــلال رضــــــى اللّــــه عــنـــــه ގެ އެދުވަސްވަރުގެ ޙާލުކޮޅު ހުރިގޮތުން އެކަލޭގެފާނު ހިމެނިވަޑައިގެންނެވީ ރަޙްމަތުގެ ދީނާހުރެ އެންމެބޮޑަށް އަނިޔާ ލިބިވަޑައިގެންނެވި ބޭކަލުންގެ ތެރެއިންނެވެ. أمــيّـــــة މައްކާގެ އެންމެ ހޫނުގަދަ ދުވަސްވަރު އިރުމެދުޖެހޭވަގުތު އެކަލޭގެފާނު މައްކާގެ ހިލަބިންމަތީގައި އުޑުތިލަފުޅުމަތީން ބާއްވައިފައި މޭފުޅުމައްޗަށް ބޮޑެތި ހިލަތައް އަރުވައެވެ. ފުރޮޅިވަޑައި ނުވަތަ ތެދުވެވަޑައި ނުގެންނެވޭނެ ގޮތުންނެވެ. أمــيّـــــة އެކަލޭގެފާނު އެ އަނިޔާވެރި ޙާލުކޮޅުގައި ބާއްވައިފައި ދަންނަވައެވެ. "އިސްލާމްދީނަށް ކާފަރުވާށެވެ. އެހެންނޫނީ ކަލޭގެ ނިމިދާނީ ތިޔަ ޙާލުގައި އޮވެއެވެ." بِـــلال ގެފާނުގެ ޖަވާބަކީ "أحــــد أحــــد އެވެ. (އެއްކައުވަންތައެވެ. އެއްކައުވަންތައެވެ.)" އެކަލޭގެފާނު ހޭފުޅު ނެތެނީ އެކަލޭގެފާނުގެ ރީތި އަޑުފުޅުން أحــــد أحــــد އެވެ ވިދާޅުވަމުން ގެންދަވަނިކޮށެވެ. އެކަމާހުރެ أمــيّـــــة ގެ ގާތަށް އަންނަނީ އަމަށަކު ރުޅިޔެއް ނޫނެވެ.

أمــيّـــــة ބައެއް ދުވަސްދުވަހު އެކަލޭގެފާނުގެ ކަރުފުޅުގައި ވަލެއްޖަހައިފައި މައްކާގެ ހަމަހޭވެރިނުވާ ކުޑަކުދީންނާ ޙަވާލުކޮށްފައި ބުނެއެވެ. މީނާ ނިކަން ރަށުތެރޭގައި ހިންގައިލަބަލާށެވެ. އެކުދިވެރީން بِـــلال ގެފާނު މައްކާގެ މަގުތަކާއި ގޯޅިތަކުގައި ދަމައެވެ. بِـــلال ގެފާނު أحــــد أحــــد އެވެ ގޮވައިލައްވަމުން ވަޑައިގަންނަވައެވެ. މައްކާގެ ކާފަރުންނަށް މިކަންތައްވަނީ ހިތްގައިމު ކުޅިވަރެއް ކަމުގައެވެ. أمــيّـــــة ބައެއް ދުވަސްދުވަހު بِـــلال ގެފާނުގެ ގައިކޮޅުގައި ގެރިހަމެއް އޮޅައިލައެވެ. އަނެއްބައި ދުވަސްދުވަހު ދަގަނޑު ދަހަނާއެއް ލައްވައިފައި އަތްވަށް ނެރެއެވެ. بِـــلال رضــــــى اللّــــه عــنـــــه އަށް މިގޮތަށް އަނިޔާކުރަނިކޮށް އެއްދުވަހަކު أبـــوبــكـــر رضـــــى اللّــــه عــنـــــه އަށް އެމަގުން ވަޑައިގެންނެވިއްޖެއެވެ. أبـــوبــكـــر ގެފާނު أمــيّـــــة އަށް ވަރަށްބޮޑު އަގެއް ދެއްވައިފައި بِـــلال ގެފާނު ބައްލަވައިގަންނަވައި މިނިވަން ކުރައްވައިފިއެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން أبـــوبــكـــر ގެފާނު بِـــلال ގެފާނު މިނިވަންކުރެއްވީ ވަރަށް ޞިއްޙަތު ރަނގަޅު ޒުވާން އަޅަކު ގަނެދެއްވައިގެންނެވެ. أبـــوبــكـــر ގެފާނު بِـــلال ގެފާނު މިނިވަންކުރެއްވީ ދުއިސައްތަ ދިރުހަމާއި 725 ގްރާމް ރިއްސާ ދެއްވައިގެން ކަމަށާއި، ދުއިސައްތަ އައްޑިހަ ދިރުހަމާއި އެއްކިލޯއަށްވުރެ ގިނަ ރިހި ދެއްވައިގެންކަމަށްވެސް ރިވާޔަތްތައް ހުރެއެވެ.

3. عـمّـــار بـــن يــاســــــر رضـــــى اللّــــه عــنـــــه: އެކަލޭގެފާނަކީ ޤަހްޠާނީ އަސްލުގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ބައްޕާފުޅު يــاســــــر بـــن عـــامــــــر މައްކާއަށް ވަޑައިގެންނެވީ އެކަލޭގެފާނުގެ ދެއަޚުންނާ އެކުގައެވެ. އެބޭކަލުން ވަޑައިގެންނެވީ ގެއްލިފައިވާ އަޚަކު މައްކާއިން ފެނިވަޑައިގަންނަވާތޯ ބައްލަވާންވެގެންނެވެ. يــاســــــر ގެ ދެއަޚުން އެނބުރިވަޑައިގެންނެވީއެވެ. يــاســــــر މައްކާގެ އަޝްރާފުންކުރެ أبـــــو أمــــيّـــة المـخــــــزمــــى ގެ ޙަލީފަކަށް ވެވަޑައިގެން މައްކާގައި ދިރިއުޅުއްވާން ފެއްޓެވީއެވެ. أبـــــو أمــــيّـــة އޭނާގެ އަޅެއްކަމުގައިވާ السّــيّــدة سُـمَــيَّـــة بـنت خــبّـــاط އާއި يــاســــــر އާ ކާވެނިކޮށްދެއްވިއެވެ. عـمّـــار އަކީ އެދެކަނބަލުންގެ ދަރިކަލެކެވެ. އެ ޢާއިލާއާމެދު ބެލެވެމުންއައީ މަޚްޒޫމު ވަންހައިގެ އަޅުންގެ ގޮތުގައެވެ. يــاســــــر އާއި سُـمَــيَّـــة އާ ދެކަނބަލުންގެވެސް ދެފަރާތުންކުރެ ފަރާތެއްގެ ވާވެރިޔެއް ތިމާގެފުޅު މީހެއް މައްކާއަކު ނުއުޅެއެވެ. އެހެންކަމުން މަޚްޒޫމު ވަންހައިގެ މީހުން ހިތުހުރިގޮތަކަށް އެ ޢާއިލާއާމެދު ކަންކުރެވޭން އޮތެވެ.

ރަޙްމަތުގެ ދީން ފާޅުކުރެއްވުމާއެކު އެޢާއިލާ އިސްލާމްކަމުގެ ޝަރަފު ހޯއްދަވައިފިއެވެ. އެޢާއިލާއަކީ السّــابــقــــون الأوّلـــون ގެ ލިސްޓުގެވެސް ވަރަށްކުރީ ވަނަތަކެއް ހޯއްދަވައިފައިވާ ޢާއިލާއެކެވެ.

(ނުނިމޭ)