ސްރީލަންކާގެ ސެންޓްރަލް އެކްސްޕްރެސްވޭގެ ފުރަތަމަ ބައިގެ މަސައްކަތް އަލުން ފެށުމަށްޓަކައި، ޗައިނާގެ އެގްޒިމް ބޭންކާއެކު ވެފައިވާ މާލީ އެއްބަސްވުން މުރާޖައާކޮށް އަންނަ އޮގަސްޓު މަހުގެ ނިޔަލަށް ސޮއިކުރަން އެއްބަސްވެއްޖެއެވެ.

މިކަމަށް އެއްބަސްވެފައިވަނީ ޗައިނާ އެގްޒިމް ބޭންކުގެ ނައިބު ރައީސް ޔަންގް ޑޮންގްނިންގް އާއި ސްރީލަންކާގެ ޑެޕިއުޓީ ފައިނޭންސް މިނިސްޓަރު ޑރ. އަނިލް ޖަޔަންތަ ފެނާންޑޯ ބޭއްވެވި މަޝްވަރާތަކުގައެވެ. ޑެއިލީ އެފްޓީ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަޑަވަތައިން މީރިގަމާއަށް ގުޅާލާ 37.1 ކިލޯމީޓަރުގެ މަގުގެ މަސައްކަތް އަވަސްކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

މި މަޝްރޫއުގެ މަސައްކަތް 2020 ވަނަ އަހަރު ފެށި ނަމަވެސް، ލަންކާއަށް ދިމާވި އިގުތިސޯދީ ކާރިސާއާ ގުޅިގެން ދަރަނި ނުދެއްކިގެން މަސައްކަތް ހުއްޓުނުއިރު ނިމިފައިވަނީ އެންމެ 36 އިންސައްތައެވެ. ނަމަވެސް އަލަށް ގެނައި ބަދަލުތަކާއެކު، ލަންކާގެ ބޭރު ފައިސާގެ ރިޒާވަށް ކުރާ ބާރު ކުޑަކުރުމުގެ ގޮތުން ލޯނު އަނބުރާ ދައްކާނީ އެމެރިކާ ޑޮލަރުގެ ބަދަލުގައި ޗައިނާގެ ޔުއާން އިން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ޓެމިލް ގާޑިއަން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ޗައިނާއިން 500 މިލިއަން ޑޮލަރާ އެއްވަރުގެ އަދަދެއް ޔުއާން އިން ދޫކުރާނެއެވެ. އަދި ލަންކާ ސަރުކާރުން އިތުރު 438 މިލިއަން ޑޮލަރު މި މަޝްރޫއަށް ހޭދަކުރާނެއެވެ.

ލަންކާގެ މިނިސްޓްރީ އޮފް ހައިވޭސް އިން ފާހަގަކުރި ގޮތުގައި، ސަރުކާރުގެ ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތުގެ ސަބަބުން، ހުއްޓިފައިވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް އަލުން ފެށުމަށް ބަޖެޓުން ވަނީ ޖާގަ ހޯދައިފައެވެ. އަދި މި އެކްސްޕްރެސްވޭ ނިމުމުން ކޮލަމްބޯއިން ފެށިގެން އެ ގައުމުގެ މެދުތެރެއަށް ދަތުރުފަތުރުކުރުން ވަރަށް ބޮޑަށް ފަސޭހަވެ، ގައުމުގެ އިގުތިސޯދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ޗައިނާގެ އެގްޒިމް ބޭންކުގެ މަންދޫބުން ވިދާޅުވި ގޮތުގައި، ލަންކާގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖުކުރުމަށް އެ ބޭންކުން އެހީތެރިވާނެއެވެ. އަދި އޮގަސްޓު މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ލަސްތަކެއް ނުވެ މަގު ހެދުމުގެ އަމަލީ މަސައްކަތް އަލުން ފަށާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.