މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 72 އަށް އަރާފައިވާ ކަމަށާއި އޭގެތެރޭގައި ގިނައީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ކަމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
2022 ވަނަ އަހަރު ފެނުނު ހިމަބިހި ކޭސްތަކުގެ ތަފާސްހިސާބު ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވަމުން ފައިސަލް ވިދާޅުވީ ހިމަބިހި ޖެހުނު 72 މީހުންގެ ތެރޭގައި ހިމެނެނީ އެންމެ ހަތަރު ކުޑަކުދިން ކަމަށެވެ.
ފައިސަލް ވިދާޅުވީ 2022 ވަނަ އަހަރުވެސް އެންމެ ގިނައިން އެ ބަލި ޖެހުނީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށެވެ. އެއީ ހިމަބިހި ޖެހުމުގެ ފުރުސަތު އޮތް އާބާދީ ކަމަށާއި ފެންނަ ކޭސްތައް އިތުރުވެ، ފެތުރެނީ ވެކްސިން ނުޖަހާތީ ކަމަށެވެ.
ފައިސަލްވަނީ ހިމަބިހި ވެކްސިން ނުޖަހާ ތިބި އުމުރުން 15-35 އަހަރާ ދެމެދުގެ މީހުން ވެކްސިން ދެ ޑޯޒު ހަމަކުރުމަށް ނަސޭހަތްތެރިވެފައެވެ.
މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ވެކްސިން ކެމްޕޭނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ މަހުގެ 28ގައި ވަނީ ފަށާފަ އެވެ، އެ ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދީފައިވަނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ.
މާލޭ ސަރަހައްދުގައި ހިމަބިއްސަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:
- ޔޫޕީއެޗްސީސީ - ހޮނިހިރު އަދި އާދިއްތަ ދުވަހު ހެނދުނު 08:30 އިން 15:00 އަށް
- ހުޅުމާލެ ހޮސްޕިޓަލް - އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ހެނދުނު 09:00 އިން 11:00 އަށް އަދި ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު 13:00 އިން 15:00 އަށް.
- ސެނަހިޔާ ހޮސްޕިޓަލް - އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 10:00 އިން 16:00 އަށް.
- ވިލިމާލެ ހޮސްޕިޓަލް - އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް މެންދުރު 13:30 ފެށިގެން 15:30 އަށް
އެޗްޕީއޭ އިން ބުނީ އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ހިދުމަތް ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެ ކަމަށެވެ.
މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ސިއްހީ ފަރުވާ ހޯދުން
- ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން.
- ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.
- ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން.
- ބަލި ޖެހިފައި ހުރިކަން ޔަގީންވާނަމަ ބަސް އަދި ޓެކްސީ ފަދަ، އާންުމުން ގިނައިން ބޭނުންކުރާ ވެހިކަލް ތަކުގައި ދަތުރުނުކުރުން.
- ދަރިވަރަކަށް ހިމަބިހި ޖެހިފައިވާކަން ޔަގީންވާނަމަ ނުވަތަ ޝައްކުކުރެވޭ ނަމަ ޑޮކްޓަރަކަށް ދެއްކުމަށް ފަހު މެނުވީ ސްކޫލަކަށް ނުފޮނުވުން.
އާއިޝަތު މާހާ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ކޮމެންޓް