ޕޫނޭގެ ވިޔަފާރިވެރިޔާ ކޭޓަން އަގަރްވާލް މަރާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ލޯބިވެރިޔާ ސިޔާ ގޯޔަލް އާއި ޗޭތަން ޗައުދަރީ ޕޮލިގްރާފް ޓެސްޓު ހެދުމަށް އިންކާރުކުރުމާ ގުޅިގެން، އެ ދެ މީހުން 14 ދުވަހުގެ މުއްދަތަކަށް ޖުޑީޝަލް ކަސްޓަޑީއަށް ފޮނުވުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު ލޯހަގަޅު ފޯޓުގެ އުސް ފަރުބަދައަކުން ވައްޓާލައި އުމުރުން 26 އަހަރުގެ ކޭޓަން މަރާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ވަނީ ތަހުގީގު އިތުރަށް ފުޅާކޮށްފައެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތަހުގީގީ އިދާރާތަކުން މިހާރު ދަނީ ސިޔާ އޭނާގެ ރައްޓެއްސަކަށް ފޮނުވި ސްނެޕްޗެޓް މެސެޖެއްގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މެސެޖުގައި “ކުރެވެން ނެތް ކައިވެންޏެއްގެ” ވާހަކަ ލިޔެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ. މީގެ އިތުރުން، ކޭޓަންގެ މަރަށްފަހު ސިޔާ އާއި ޗޭތަން ބޭނުންކޮށްފައިވާ ސިއްރު ކޯޑުތަކެއް ފޯނުން ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ޕޫނޭގެ ކޯޓުގައި ފުލުހުން އެދުނީ މި ކޯޑުތައް ޑީކޯޑުކުރުމަށާއި ޕޮލިގްރާފް ޓެސްޓު ހެދުމަށްޓަކައި ތުހުމަތުކުރެވޭ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށެވެ. ފުލުހުން ފާހަގަކުރި ގޮތުގައި، މި ޑިޖިޓަލް ހެކިތަކަކީ މައްސަލައިގެ ހަގީގަތް ހޯދުމަށް ވަރަށް މުހިންމު މައުލޫމާތުތަކެކެވެ. ނަމަވެސް، ދިފާއީ ވަކީލުން ކޯޓުގައި ވިދާޅުވި ގޮތުގައި، ސުވާލުކުރުމަށް ފުލުހުންނަށް އެކަށީގެންވާ ވަގުތު މިހާރު ވަނީ ލިބިފައެވެ. އަދި ޕޮލިގްރާފް ޓެސްޓު ހެދުމަށް ދެ މީހުންވެސް އިންކާރުކޮށްފައިވާކަން ވަކީލުން ފާހަގަކުރެއްވިއެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކުރުމަށްފަހު، ކޯޓުން ނިންމީ ފުލުހުންގެ އެދުމާ އެއްގޮތަށް ފުލުހުންގެ ބަންދުގެ މުއްދަތު އިތުރުނުކޮށް، ޖުލައި 16 ގެ ނިޔަލަށް ދެ މީހުން ޖުޑީޝަލް ކަސްޓަޑީގައި ބޭތިއްބުމަށެވެ. ފުލުހުން ވިދާޅުވި ގޮތުގައި، ޑިޖިޓަލް ހެކިތަކާއި ފޯން ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް