ވެރިކަންކުރާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި އެކި މަގާމުތަކަށް 2500 އަށްވުރެ ގިނަ މީހުން އިންތިހާބު ކުރާނެ ކަމަށް، އެ ޕާޓީގެ ތަރުޖަމާނުގެ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ފިރުޒުލް މިހެން ވިދާޅުވީ، މި މަހު 11 ގައި ބާއްވަން ހަމަޖެހިފައިވާ، އެ ޕާޓީގެ ދާއިރާތަކާއި ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބުގެ އިންތިޒާމްތައް، ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމިޓީން ކުރިއަށްގެންދާ ގޮތުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮށްފަރެންސްގައެވެ.
ފިރުޒުލް ވިދާޅުވީ، އިންތިހާބުތަކަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތުތައް ސާފުކޮށް، އިންތިހާބީ ކޮމިޓީން މިހާރު ލިސްޓްތައް އެކުލަވާލާފައިވާ ކަމަށެވެ.
އިންތިހާބުތަކަށް ކުރިމަތިލާން ހުޅުވާލީ ޕޯޓަލް މެދުވެރިކޮށް ކަމަށްވާތީ، ކޮންމެ ކެނޑިޑޭޓަކަށްވެސް، އެ ކެނޑިޑޭޓަކާ ބެހޭ މައުލޫމާތު މިހާރު ޕޯޓަލްއިން ލިބެން ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ، 131 ރަށު ދާއިރާއެއްގައި ވޯޓު ލުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.
ވޯޓުލާ މީހުންގެ ލިސްޓު މިއަދު އާއްމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމާއި އިންތިހާބީ ޝަކުވާތައް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ކޮންމެ އާއްމު މެންބަރަކަށްވެސް އެ މީހަކު ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން، ޕާޓީ ވެބްސައިޓުން ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ފިރުޒުލް ވިދާޅުވީ، ޕާޓީ މެންބަރުން ވޯޓުލާން ރަޖިސްޓްރީ ވެފައިވާތަނުގެ ގޮތުގައި މިހާރު އޮންނާނީ، ކައުންސިލް އިންތިހާބުގައި ވޯޓަސް ރަޖިސްޓްރީ ކުރި ތަނުގައި ކަމަށެވެ. އަދި އޭރު ރަޖިސްޓްރީ ކުރި ތަނުގައި ނުވަތަ މަލޭގައި އެމީހެއްގެ އިދާރާގެ ފޮށީގައި އެ މީހަކު ލިސްޓު ކުރެވިފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަކުވާ ހުށަހަޅަން ހުޅުވާލާފައި އޮތް މި ފުރުސަތުގައި، ހުށަހެޅުމުން އެތަންތަން ބަދަލު ކުރެވޭނެ ކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިހާބު ތަކުގައި ރަށްރަށުގައި ހިމެނޭ ދާއިރާ ނޫން، ރިސޯޓުތަކާއި ސިނާއީ ސަރަހައްދުތަކުގައި ވޯޓުލާން ރަޖިސްޓްރީ ކުރި މީހުން މި އިންތިހާބުގައި އޮންނާނީ މާލޭގައި ހިމެނޭ އެ މީހެއްގެ ދާއިރާގެ ވޯޓު ފޮށީގައި ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ކޮމެންޓް